ޒުވާނުންނަށް އެންމެ ކަމުދަނީ ދަ ރޮކް!

ޒުވާނުންގެ ތެރެއިން "ޖެން ޒީ"ގެ އުމުރު ފުރާގައި ހިމެނޭ ޒުވާނުންނަށް އެންމެ ކަމުދާ އެކްޓަރަކީ އެމެރިކާގެ މަޝްހޫރު އެކްޓަރު ޑްވޭން "ރޮކް" ޖޯންސަން ކަމުގައި ކަނޑައަޅައިފިއެވެ.

ޒުވާނުންގެ ތެރެއިން ޖެން ޒީ އަކީ މިވަގުތު ސޯޝަލް މީޑިއާގައި އެންމެ އެކްޓިވްކޮށް އުޅޭ އުމުރުފުރައެވެ. ޖެން ޒީ އުމުރުފުރާ އާންމުކޮށް މި ކިޔަނީ 1997 އާއި 2010 އާ ދެމެދު އުފަންވި ޒުވާނުންނާއި ކުޑަކުދިންނަށެވެ.

އެމެރިކާގެ ކޮންސަލްޓިން ފާމް އަކުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވެގެން ދިޔައީ ޖެން ޒީއަށް އެންމެ ބޮޑަށް ކަމުދަނީ ދަ ރޮކް ކަމެވެ. ކުރީގެ ޒުވާނުންގެ މެދުގައި އެންމެ ގިނަ ބަޔަކަށް ކަމުދާ އެކްޓަރަކީ ޖޮނީ ޑެޕްއެވެ. ނަމަވެސް އާ ޖީލަށް ބޮޑަށް ކަމުދަނީ ރޮކް ކަން ހާމަވެފައިވަނީ ކޮންސަލްޓިން ގްރޫޕުގެ ދިރާސާއަކަށް ހެދި ޕޯލަކުންނެވެ.

މި ޕޯލްގައި އެންމެ މަގުބޫލު ފަސް އެކްޓަރުން ވަނީ ހޮވާފައެވެ. އެއްވަނައިގައި ރޮކް އޮތް އިރު ދެވަނައިގައި އޮތީ ސްޕައިޑަމޭންގެ ރޯލުން ފެންނަ ޓޮމް ހޮލެންޑްއެވެ. އަދި ޑެޕް އޮތީ ތިންވަނައިގައެވެ. ހަތަރުވަނައިގައި އަޔަންމޭންގެ ރޯލުން ފެނުނު ރޮބާޓް ޑައުނީ ޖޫނިއާ އޮތް އިރު ފަސްވަނައިގައި އޮތީ ހެރީ ޕޮޓާއިން މަގުބޫލުކަން ހޯދި އެމާ ވަޓްސަން އެވެ.

ޑަބްލިއުޑަބްލިއުއީ އިން މަގުބޫލުކަން ހޯދައި އެކްޓިންގެ ތެރެއަށް ދަ ރޮކް ނިކުތީ 2005 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ހޮލީވުޑްގެ ބޮޑެތި ފްރެންޗައިޒްތަކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ފާސްޓް އެންޑް ފިއުރިއަސް އާއި ޖުމާންޖީ ފަދަ ފްރެންޗައިޒްތަކުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

ރޮކް ޖޯންސަންއަށް ލިބުނު ކާމިޔާބީ އާއެކު ޖެން ޒީ ޒުވާނުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ވެސް އެންމެން މުނިފޫހި ފިލުވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް