އެވެޓާއަށް އެއް ބިލިއަން، ފުރަތަމަ ފިލްމު ބަލި ނުކުރެވޭނެ

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ދެވަނަ ބައިގެ އާމްދަނީ އެއްބިލިއަން ޑޮލަރުން މައްޗަށް އަރައިފިއެވެ.

މި މަހުގެ 15ގައި ފިލްމު ދައްކަން ފެށިއިރު އެ ފިލްމު އެޅުވިތާ ދެ ހަފުތާގެ ތެރޭގައި ފިލްމަށް ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ މި އަހަރުގެ ތެރޭގައި އެންމެ އަވަހަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައިވާ ފިލްމެވެ. އެންމެފަހުން އެ ރެކޯޑު ހޯދާފައިވަނީ މިދިޔަ އަހަރު ނެރުނު "ސްޕައިޑާ މޭން : ނޯވޭ ހޯމް" އެވެ. މި ފިލްމު އެއް ބިލިއަން ޑޮލަރު ހޯދާފައިވަނީ 12 ދުވަހުގެ ތެރޭގައެވެ.

މިހާތަނަށް އެވެޓާގެ ދެވަނަ ފިލްމު "ދަ ވޭ އޮފް ވޯޓާ" ވަނީ އެމެރިކާއިން 317 މިލިއަން ޑޮލަރު ހޯދައި އެހެން ސަރަހައްދުތަކުން 712 މިލިއަން ޑޮލަރު ހޯދާފައެވެ. އެއާއެކު ފިލްމުގެ ޖުމްލަ އާމްދަނީ 1.25 ބިލިއަން ޑޮލަރަށް އަރާފައެވެ.

ފިލްމަށް މިހާރު ލިބިފައިވާ އާމްދަނީއާއެކު އެވެޓާ ވެފައިވަނީ މިއަހަރު އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ދެވަނަ ފިލްމަށެވެ. މިއަހަރު މިހާތަނަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައިވަނީ އެންމެ ތިން ފިލްމެވެ. އެވެޓާ ދެވަނައަށް އަރާފައިވަނީ ޖުރެސިކް ވޯލްޑް ފްރެންޗައިޒްގެ "ޑޮމިނިއަން" ފަހަތަށް ޖައްސާލުމަށް ފަހުގައެވެ،

ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ވެސް ފުރަތަމަ ފިލްމުގެ ކާމިޔާބީއާ ގާތް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެވެޓާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެވެ. އެގޮތުން އެވެޓާގެ ފުރަތަމަ ފިލްމަށް 2.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް