ތ. ކިނބިދޫ އާއި ލ. ދަނބިދޫގެ އިތުރުން މ. މުލަކުގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށްޓަކައި 11.5 މިލިއަން ރުފިޔާއަށް ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ޒޯން ދޭއް، ހަތަރެއް އަދި ފަހެއްގައި ތަންފީޒު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެެވެ. އަދި ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު ލައްޔާ ރިޔާޒް ރަމީޒެވެ.
މިއަދު ހަވާލުކުރި މި ތިން މަޝްރޫއު އަކީ 11.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއުތަކަކަށް ވާއިރު މ. މުލަކުގެ ސެންޓަރު އަޕްގްރޭޑްކުރުމުގެ އަގަކީ, 3.9 މިލިއަން ރުފިޔާއެވެ. އަދި ލ. ދަނބިދޫ ގެ މަސައްކަތުގެ އަގަކީ 4.2 މިލިއަން ރުފިޔާއަށް ވާއިރު ތ. ކިނބިދޫގައި ކުރާ މަސައްކަތުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ.
އެ ތިން މަޝްރޫއު ވެސް ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް ތެރޭގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުތައް ނިމުމުން އެ ތިން ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކި ކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހިވާނެއެވެ.
އެހެންކަމުން އެ ތިން ރަށުގެ ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް އެ މަޝްރޫއު ބޮޑު ބާރަކަށް ވާނެ ކަމަށާއި އެ ރަށްރަށުގައި ގާއިމުކުރެވޭ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒާއެކު އެ ރަށްތަކުގެ ކުނި އެންދުމާއި ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
"ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ،" މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ ތެރެއިން ގާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ އެ މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި އެ މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު އެ މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިން ސްކޭލްވެސް އަވަސް މުސްތަގުބަލެއްގައި ބެހެއްޓިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.