މިފަހަރު އާ އަހަރު ފާހަގަކުރުން ސިންތެޓިކް ޓްރެކްގައި، ހަވާ އަރުވާނެ

ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ފަހަރު އާ އަހަރު ފެށުން ކުލަ ގަދަކޮށް ފާހަގަކުރަން ނިންމައި ހަވާ އެރުވުވުމުގެ އިތުރުން މިއުޒިކް ޝޯއެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޝޯ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 އިން ފެށިގެން ކަމަށެވެ.

އާ އަހަރު ފާހަގަކުރުމަށް ބާއްވާ މި ޝޯގައި ހަވާ އެރުވުމާއި މިއުޒިކުގެ އެކި ހަރަކާތްތައް ފެނެއެވެ.

އެ ޝޯއާ ބެހޭ އިތުރު މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ޝޯގައި ޕާފޯމް ކުރާ މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭ ހިމެނޭ ކަމަށެވެ.

ޕައުނީ އަކީ 2017ވަނަ އަހަރު ނެރުނު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާރުޚް ޚާން ގެ "ރައީސް" ފިލްމުގައި އިންނަ "ލައިލާ މެ ލައިލާ" ގެ ލަވައިން އާއްމުންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ހަމައެއާއެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުން ވެސް މި ޝޯގައި ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް އާއި ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ވެސް މި ޝޯގެ ތެރެއިން ފެންނާނެއެވެ.

މި ޝޯގެ ތެރެއިން އާ އަހަރު ފާހަގަކުރުމަށް އެންމެ ފަހުން ވަނީ ހަވާ އަރުވާގޮތަށް ވެސް ނިންމާފައެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އާ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި ބޭރު ފަންނާނުންގެ އިތުރުން ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ހުށަހެޅުންތަކާއެކު އާ އަހަރު ފާހަގަކުރެއެވެ.

ނަމަވެސް ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ކުލަގަދަކޮށް އާ އަހަރު ފާހަގަކުރުން ވަނީ ހުއްޓާލައިފައެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑު ކަމަށް ފަހު ކުލަގަދަކޮށް އާ އަހަރުފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް