މަޝްހޫރު ޓެކް ކުންފުނިތަކުގެ ހިއްސާގެ ބާޒާރުގެ އަގުތައް މި އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
އެ ކުންފުނިތަކުގެ ފައުންޑަރުންގެ މުއްސަނދިކަންވެސް އެ ކުންފުނިތަކާ އެކު ބޮޑުތަނުން ދަށަށް ގޮސްފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދެ އަހަރަށް ފަހު ބައިނަލްއަގްވާމީ ބޮޑެތި ޓެކް ގްރޫޕްތައް އެނބުރި އެމީހުންގެ ވިޔަފާރި ކޮޅަށްޖަހާ ކުރިއެރުން ތަކެއް ހޯދަން މިވަނީ ފަށާފައެވެ.
އޮންލައިން ބޮޑެތި ކުންފުނިތަކަށް ކުރިމަތިވި ދަތި އުނދަގޫ ފުރިހަމަ ދެ އަހަރު ހޭދަކޮށްފައިވާއިރު، ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް ވަނީ ސިއްހީ ދަތިތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އޮންލައިން ހިދުމަތްތައް ވަރަށް މަގުބޫލުވެ، ގިނަ ވިޔަފާރިތަކެއްގެ ދެމިއޮތުމުގެ އިތުބާރުވެސް ވަނީ ލިބިފައެވެ.
ގޭގައި ފުރަބަންދުވެފައި ތިބި ހާލަތުގައިވެސް އިންޓަނެޓްގެ ސަބަބުން ދިރިއުޅުމާއި ކެއިން ބުއިމުގެ މަގުތައް ވަނީ ފަހިވެފައެވެ.
މި ދަނޑިވަޅުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމުގައިވާ އެޕަލް، ގޫގުލް، އެމެޒޯން އަދި މައިކްރޮސޮފްޓް ފަދަ ޓެކް ކުންފުނިތައް އެހާ މުހިންމުވީ އެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުފުލިގެން ދިއުމުންނެވެ.
އާންމު ދިރިއުޅުމަށް މީހުން އެނބުރި އައުމުގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި ވެސް ޓެކް ސްޓޮކްގެ އަގުތައް ވަނީ ހިއްސާގެ ބާޒާރުގައި ވެއްޓިފައެވެ. މި ކުންފުނިތަކުގެ ފައުންޑަރުން ނުވަތަ މެނޭޖަރުންގެ މުއްސަނދިކަން ބޮޑަށް އެކުންފުނިތަކުގެ ހިއްސާގެ މައްޗަށް ބަރޯސާވެފައިވާ އިރު، އެ ކުންފުނިތަކުގެ ފައުންޑަރުން ވަނީ މި ޙަޤީޤަތަށް ތަބާވެފައެވެ.
މަސްކް، ބެޒޯސް، ޒަކަބާގް އަދި އެހެނިހެން ފަރާތްތަކަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުމެއް
ވޮޝިންޓަން ޕޯސްޓުން ބުނި ގޮތުގައި 2022 ވަނަ އަހަރު ބިލިއަނަރުންނަށް ޖުމްލަ 433 ބިލިއަން ޑޮލަރު ގެއްލުނެވެ.
އެންމެ ބޮޑު ދަށްވުމެއް އީލޮން މަސްކް އަށް ކުރިމަތި ވެފައިވާއިރު، އޭނާ ވަނީ އެއް އަހަރެއްގެ ތެރޭގައި 132 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. ޓްވިޓާ އަމިއްލަކުރުމަށް ތައްޔާރުވުމުގެ ގޮތުން އެލޮން މަސްކް ސެކިއުރިޓީޒް ވިއްކާލުމަކީ ވެސް ޓެސްލާގެ ހިއްސާގެ އަގު މި އަހަރުގެ ތެރޭގައި އެހާބޮޑަށް ދަށަށް ދިއުމަށް މެދުވެރި ސަބަބެއްކަމަށް ގިނަބަޔަކު ދެކެއެވެ.
އެގޮތުން ޓެސްލާގެ އިންވެސްޓަރުން ބިރުގަނެ، ކުންފުނީގެ އިންވެސްޓަރުންނާއި، ހިއްސާދާރުންގެ ޢަދަދު ދަށަށް ދާ ތަން ފެނުނެވެ.
ޖެފް ބެޒޯސްގެ އަތުން 84 ބިލިއަން ޑޮލަރު ގެއްލުނެވެ. ކޮންވެންޝަނަލް ސްޓޯރުތަކަށް ތާއީދުކޮށް އީ-ކޮމާސް ކުންފުނިތަކުން ކަސްޓަމަރުން ދުރުހެލިވެ، އެމެޒޯން އަށް އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގޯސް އެއް އަހަރަށް ފާއިތުވި އަހަރު ވެގެން ދިޔައެވެ. ނަމަވެސް އޭނާ އަދިވެސް ގާތްގަޑަކަށް 108 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އަންނަނީ ކޮންޓްރޯލް ކުރަމުންނެވެ.
މާކް ޒަކަބާގް ވަނީ 80 ބިލިއަން ޑޮލަރުގެ ގެއްލުމާއި، ކުރިމަތިލާން ޖެހިފައެވެ. ޓިކްޓޮކް ގެ ވާދަވެރިކަން އިތުރުވުމާއި، މެޓާވާސް އުފެއްދުމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވުމާއި، އިޝްތިހާރުގެ އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން އޭނާގެ މެޓާގެ ވިޔަފާރި ވަނީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.
ގޫގުލްގެ ފައުންޑަރުން ކަމަށްވާ ސަރްގޭ ބްރިން އާއި ލެރީ ޕޭޖްގެ މުއްސަނދިކަން 88 ބިލިއަން ޑޮލަރަށް ދަށަށް ދިޔައެވެ. ގޫގުލްގެ މި ދަށްވުމަކީ އެކުންފުނީގެ މުޅިހަޔާތުގައިވެސް އެއްއަހަރެއްގެ ތެރޭގައި ދަށަށްދިޔަ އެންމެ ބޮޑު ދަށްވުމެވެ.
ހަމައެހެންމެ ބިލް ގޭޓްސް އާއި ސްޓީވް ބޯލްމާ ވަނީ 28 ބިލިއަން ޑޮލަރާއި 20 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.
މިއީ މަހުޖަނުންގެ ތެރެއިން އެންމެ ކުޑަކޮށް ގެއްލުންވި ދެ މަހުޖަނުނެވެ. ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާއިން ކުރިއަރަމުން އަންނަ ބިލްގޭޓްސްގެ މައިކްރޯސޮފްޓް ކުންފުނީގެ ހާލަތު ރަނގަޅު ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންވެ، މައިކްރޮސޮފްޓްގެ ކުރީގެ ދެ އެގްޒެކެޓިވްންނަށް ކްލައުޑް ވިޔަފާރިއަށް ބަރޯސާވެވިދާނެއެވެ. ނަމަވެސް ޕީސީއަށް އޮތް ޑިމާންޑް ދަށްވުމުން އަދިވެސް ކުރިއަށް އޮތް އަހަރު އެ ކުންފުނީގެ މާލިއްޔަތު ތަންކޮޅެއް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ކަމުގެ ދިރާސާވެރިން ލަފާކުރައްވައެވެ.