މަނޯޖް ބަޖްޕަޔީގެ ފިލްމު ''ޖޯރަމް''ގައި އެކްޓަރުގެ ފެނިލުން ތަފާތު

މަނޯޖް ބަޖްޕަޔީގެ ކުރިޔަށްއޮތް ފިލްމު "ޖޯރަމް"ގައި އާދައިގެގޮތަކަށް އެކްޓަރު ފެނުނަސް ފިލްމުގައި ކުޅޭ ރޯލަކީ އާދައިގެ ރޯލެއް ނޫންކަމަށް މަނޯޖް ބުނެފިއެވެ.

ފިލްމު "ޖޯރަމް"އަކީ، ތްރިލާ ޑްރާމާއެކެވެ. ފިލްމުގައި އެކްޓަރު މަނޯޖް ފެނިގެން ދާނީ، މަނޯޖްގެ ކިބައިން ބަދަލުހިފަން ބޭނުންވާ ބައެއްގެ އަތްދަށުން މަނޯޖްގެ އަންހެން ދަރިފުޅު ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބައްޕައެއްގެ ރޯލްއިންނެވެ.

ޑައިރެކްޓަރު ދެވާޝިޝް މަޚީޖާގެ މި ފިލްމު 52 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލު ރޮޓެޑަމްގައި ޕްރިމިއާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިފިލްމު ފެސްޓިވަލް ކުރިޔަށް ދާނީ ފެށޭ އަހަރުގެ 25 ޖަނުއަރީ އިން ފެށިގެން 5 ފެބްރުއަރީގެ ނިޔަލަށެވެ.

މި ފިލްމަކީ، ޑައިރެކްޓަރު ދެވާޝިޝްއާއެކު އެކްޓަރު މަނޯޛް ބަޖްޕަޔީ މަސައްކަތް ކުރާ ތިން ވަނަ ފިލްމީ ޕްރޮޖެކްޓެވެ. މަނޯޖްގެ އިތުރުން ފިލްމުގައި ފެނިގެންދާ ގިނަ ތަރިންނަކީ، މުޅީންވެސް ބައިނަލް އަޤްވާމީ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތަރިންނެވެ. އޭގެތެރޭގައި ބަތަލާ، ރާޖްޝްރީ ދޭޝްޕާންޑޭ، ތަނިޝްތާ ޗެޓަޖީ އަދި ސްމިތާ ތާމްބޭ ހިމެނެއެވެ.

އައިއެފްއެފްއާރް ފެސްޓިވަލުގައި ފިލްމު ޕްރިމިއާ ކުރުމަކީ މި ފިލްމުގެ ހައިބަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. އަދި ފިލްމުގެ ކްރޫއިންނަށް ވެސް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް ފިލްމު ގެނެސްދޭ ކުންފުނި ޒީސްޓޫޑިއޯގެ ފަރާތުން ވަނީ ބުނެފައެވެ.

ފިލްމާއި ގުޅޭގޮތުން މަނޯޖް ބުނެފައި ވަނީ ފިލްމުގައި އޭނާ ފެނިގެން ދަނީ ވަރަށް އާދައިގެ އެހާ ބާރު ގަދަ ނޫން މީހެއްގެ ސިފައިގައި ނަމަވެސް ފިލްމުގައި އޭނާ ކުޅޭނީ ބެލުންތެރިން ސިއްސުވާލާނެ ފަދަ ރޯލެއް ކަމަށެވެ. ބެލުންތެރިން ހީވެސް ނުކުރާ ކަހަލަ މީހަކަށް މަނޯޖް ފިލްމުގައި ބަދަލުވެގެންދާ މަންޒަރު ފެންނާނެކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެއީ ކޮން ތާރީޚެއް ކަމެއް އަދި ރަސްމީކޮށް އިޢުލާނު ނުކުރެއެވެ.

comment ކޮމެންޓް