ދުވާލަކު އެންމެ ގިނަވެގެން ކާންވީ ކިތައް ރޮށި؟

ދިވެހިންގެ ހެނދުނު ސަޔާއި އެންމެ ގުޅިފައިވާ އެކައްޗަކީ ރޮއްޓެވެ. އެއްޗަކާ ޖަހައިގެން ވެސް ނުވަތަ މޮޑެގެންވެސް އެންމެ ގިނަ ބަޔަކު ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ އެކައްޗަކީ ރޮއްޓެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރޮށި މި ކެވެނީ އެންމެ އެކަށީގެންވާ މިންވަރަށް ހެއްޔެވެ؟

ރިހަޔާއި މޮޑެގެން ވެސް ނުވަތަ މަސްހުންޏާއި ކުޅިމަހާ ޖައްސައިގެން ވެސް ރޮށި ކެއުމުގައި ދިވެހިން ގެންގުޅެނީ މައިގަނޑު އެއް ފޯމިއުލާއެކެވެ. އެއީ ބަނޑު ފުރެންދެއް ކައި ނިންމާލުމެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރޮށި ކެއުން އެންމެ ރަނގަޅު މިންވަރެއް އޮވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކެއުމުގައި ގެންގުޅެންވީ މިންވަރުތަކަށް ބަލައި ތައްޔާރުކޮށްފައިވާ ގައިޑްލައިނެއްގައި ވަނީ ދުވާލެއްގެ މައްޗަށް ރޮށި ފަދަ ގޮދަން ފުށުން ހަދާފައި ހުންނަ އެއްޗެހި ބޭނުންކުރެވޭނެ މިންވަރުތައް ފާހަގަކޮށްފައެވެ.

ރޮއްޓާއި ޕާނާއި ފާރޮށި ފަދަ ތަކެއްޗަކީ ދިވެހިންގެ ސީރިއަލްގެ ބައިގައި ހިމެނޭ އެއްޗިއްސެވެ. މިއީ ކާބޯހައިޑްރޭޓް ހަށިގަނޑަށް ފޯރުކޮށްދިނުމަށް އެހީތެރިވާ ބާވަތުގެ ކާނާއެވެ. ކާބޯހައިޑްރޭޓްސް އަކީ އިންސާނާގެ ދުވަހުގެ ކަންތައްތަަކަށް ހަކަތަ ފޯރުކޮށްދޭ އެއްޗެެއްސެވެ. ސީރިއަލް އަދި ސްޓާޗީ ތަރުކާރިއަކީ މިބައިގައި އެންމެ ފާހަގަކޮށްލެވޭ އެކައްޗެވެ. ދިވެހިންގެ ތެރޭގައި އެއީ އެކި ބާވަތުގެ ރޮއްޓެވެ.

އެޗްޕީއޭއިން ލަފާކުރާގޮތުގައި މީހަކު ދުވާލަކު ކާން ރަނގަޅަކީ ހަ ރޮއްޓާއި 10 ރޮއްޓާ ދެމެދުގެ އަދަދަކަށެވެ. އަދި ހުނި ރޮށި ކާ ނަމަ އެއީ ދެ ރޮއްޓާއި ދެރޮއްޓާއި ބަޔާ ދެމެދުގެ އަދަދަކަށެވެ.

ދިވެހިންގެ ޑައިޓުގައި ޕާނަކީވެސް އާންމު އެއްޗެކެވެ. ޕާން ކާނަމަ ދުވާލެއްގެ މައްޗަށް އެންމެ އެކަށީގެންވާ މިންވަރަކީ ވެސް ހަ ފޮއްޗާއި 10 ފޮއްޗާ ދެމެދެވެ.

ގިނައިން ކާ ނަމަ އާންމުކޮށް ކަސްރަތު ކުރުމަށް އެޗްޕީއޭއިން ލަފާ ދެއެވެ.

comment ކޮމެންޓް