މަސްވެރިކަން ދަށްވެ، ދެކުނަށް ކިރުވާ މަހުގެ އަދަދު ދަށްވެއްޖެ

ދޯންޏަކުން މަސް ކިރަނީ: މި ދުވަސްކޮޅު ދެކުނަށް މަސްވެރިކަން ވަރަށް ދަށް-- ފައިލް ފޮޓޯ

ދެކުނަށް މަސްވެރިކަން ދަށްވެ، މަސްކިރުވާ އަދަދު ވެސް ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެއެވެ.

މަސްވެރިން ބުނާގޮތުގައި މި ހަފުތާ ފެށުނު ފަހުން މޫސުން ވެސް ގޯސްވުމާއެކު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ މޫސުން ގޯސްވެ، މަސްވެރިކަންވެސް ދަށަށް ދާ ދުވަސްވަރެއް ކަމަށެވެ.

"ވޭތުވެދިޔަ ދެތިން އަހަރު ވެސް ހަމަ މި ތަޖުރިބާ އަޅުގަނޑުމެން ކުރިން. މޫސުން ގޯސްވެ، ހާއްސަ ގޮތެއްގައި ދެކުނުގެ މަސްވެރިކަން މިވަނީ ވަރަށް ދަށްވެފައި،" ފައުޒީ ވިދާޅުވިއެވެ.

މި ހަފުތާ މަސްވެރިކަން ދަށްވިނަމަވެސް ކުރިއަށް އޮތް ތަނުގައި މޫސުން ރަނގަޅުވުމާއެކު މަސްވެރިކަން ރަނގަޅުވެ މަސްކިރުވާ އަދަދު އިތުރުވާނޭކަމުގެ އުއްމީދު ބޮޑުކަމަށް ފައުޒީ ވިދާޅުވިއެވެ.

ސަން އާ ވާހަކަދައްކަމުން ތ. އަތޮޅު ރަށެއްގެ ދޯންޏެއްގެ ކެޔޮޅަކު ބުނީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި އޮތުމަށްފަހު މިހާރު މަސްވެރިކަން ދަށަށް ގޮސްފައިވާ ކަމަށެވެ.

"[މަސްވެރިކަން ދަށްވީމައި]މިހާރު މަހަށް ނުފުރާ މަޑުކޮށްގެން ރަށުގައި މިތިބީ. މޫސުން ރަނގަޅުވުމުން ނިކުންނާނަން،" އެ ކެޔޮޅު ބުންޏެވެ.

މަސްވެރިކަން ކުރާ ދޯންޏެއް ރަށެއްގެ ބަނދަރަށް ވަންނަނީ--

ދެކުނަށް މަސްކިރުވާ އަދަދު ދަށް ވުމާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަމުން ކޫއްޑޫގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދުވަސްވަރު ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ ކޫއްޑޫއަށް މަސްކިރުވާ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް 250 ޓަނު މަސް ކިރުވަމުން އައި ނަމަވެސް މި ހަފުތާއިން ފެށިގެން ކޫއްޑޫއަށް ކިރުވާ މަހުގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޮފިޝަލް ފާހަގަކުރިއެވެ. އެ ގޮތުން އިއްޔެ 79 ޓަނު ކިރުވިއިރު، އޭގެ ކުރީދުވަހު ކިރުވާފައިވަނީ 32 ޓަނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

ރާއްޖޭގެ ދެކުނަށް މަސްވެރިކަން ދަށްވެފައިވާއިރު، މޫސުން ގޯސްވުމާއެކު ގިނަ ދޯނިތަކުން މަހަށް ނުފުރާ ކަމަށް ވެސް ކޫއްޑޫއިން ބުނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިއަށް ބަލާއިރު މުޅި ރާއްޖޭގެ މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެ، މަސް ގަންނަ ކުންފުނިތަކަށް ބާރުބޮޑުވެގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ގޮތުން މަސްކިރުވުމަށް ހަފުތާއެއް ވަންދެން ކިއޫގައި ތިބެންޖެހުމުން ގިނަ ދޯނިތަކުން ވަނީ އެކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި ނުކިރުނު މަސްތައް ކަނޑަށް އުކާވެސް ލިއެވެ.

comment ކޮމެންޓް