ވޯލްޑް ކަޕުގައި ވިދާލި ގަކްޕޯ ލިވަޕޫލަށް

ނެދަލެންޑްސްގެ އުންމީދީ ތަރި ކޯޑީ ގަކްޕޯ --ފޮޓޯ/ގެޓީ އިމޭޖަސް

މި މަހުގެ 18 ވަނަ ދުވަހު ނިމުނު ފީފާ ވޯލްޑް ކަޕުގައި ނެދަލެންޑްސް ޓީމުގައި ހިމެނި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަބައެއްގެ ލޮލުގައި އަޅައިގަތް، ކޯޑީ ގަކްޕޯ ގެނައުމަށް، އޭނާ ކުޅެމުން އަންނަ ކުލަބާއި ލިވަޕޫލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ނެދަލެންޑްސްގެ ޕީއެސްވީއަށް ކުޅެމުން އަންނަ ގަކްޕޯ ލިވަޕޫލަށް ވިއްކާލިކަން ޕީއެސްވީގެ ރަސްމީ ވެބްސައިޓުގައި ވަނީ ހާމަކޮށްފައެވެ. ޕީއެސްވީން ބުނެފައި ވަނީ އުމުރުން 23 އަހަރުގެ ގަކްޕޯ ލިވަޕޫލަށް ވިއްކާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް މެޑިކަލް ޓެސްޓުތައް ހެދުމަށް ގަކްޕޯ އިނގިރޭސިވިލާތަށް ދާނެ ކަމަށެވެ. އަދި ދެ ޓީމުންކުރެ އެއްވެސް ޓީމަކުން ގަކްޕޯގެ ޓްރާންސްފާ ފީ ހާމަ ނުކުރާ ކަމަށާއި، އެހެންނަމަވެސް މިއީ ޕީއެސްވީގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށް ބުނެފައިވެއެވެ.

ގަކްޕޯގެ ޓްރާންސްފާ ފީއާ ގުޅޭގޮތުން މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ، ޓްރާންސްފާ ފީއެއްގެ ގޮތުގައި ލިވަޕޫލުން ޕީއެސްވީއަށް 37 މިލިއަން ޕައުންޑު ދޭނެ ކަމަށާއި، އެހެނިހެން ފީތަކާއެކު މި އަދަދު 50 މިލިއަން ޕައުންޑަށް އަރާނެ ކަމަށެވެ.

ލިވަޕޫލުން ގަކްޕޯގެ ސޮއި ހޯދާފައި މިވަނީ އޭނާ ގެނައުމަށް މެންޗަސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ޕީއެސްވީގެ ކެޕްޓަންކަން ކުރަމުން އައި ގަކްޕޯ ވަނީ މި ސީޒަނުގައި އެ ޓީމަށް 32 މެޗުން 18 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޔޫރަޕުގެ ބޮޑު ދެ ބާރަކުން ގަކްޕޯގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައިވާއިރު، ވޯލްޑް ކަޕުގައި އޭނާ ދެއްކި ފާހަގަކޮށްލެވޭ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ޓްރާންސްފާ ފީ ބޮޑުވާނެ ކަމަށް މީގެކުރިން ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޒުވާން ކުޅުންތެރިންގެ ތެރެއިން އަރަމުން އަންނަ އެއް ތަރި ކަމުގައިވާ ގަކްޕޯ ވަނީ ނެދަލެންޑްސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 14 މެޗުން ހަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އަރިމަތިން ކުރިއަށް ކުޅެމުން އަންނަ ގަކްޕޯ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ނެދަލެންޑްސްއިން ކުޅުނު ފަސް މެޗުން އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ގަކްޕޯ ވިއްކާލުމަށް ޕީއެސްވީއިން ލިވަޕޫލާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު، ލިވަޕޫލުގެ އެޓޭކިންގް ލައިނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން ލުއިސް ޑިއާޒް އާއި ޑިއޭގޯ ޖޮޓާ ހުރީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިފައެވެ.

comment ކޮމެންޓް