''ސިޓަޑެލް''ގެ އިންޑިއަން ވާޝަންއިން ފެންނާނީ ވަރުން ދަވަން

އެމެރިކަން ސައިންސް ފިކްޝަން ވެބް ސީރީސް "ސިޓަޑެލް"ގެ މުހިއްމު ރޯލްއިން ފެންނާނީ އެކްޓަރު ވަރުން ދަވަންކަން ކަށަވަރުވެއްޖެއެވެ.

"ސިޓަޑެލް" ސީރީސްއަކީ، އެވެންޖާސްގެ ފިލްމުތައް ގެނެސްދިން އެންތަނީއާއި ޖޯ ރުސޯ, އެމޭޒަން ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދޭ މިސީރީސްގެ އިންޑިއަން ވާޝަންއެވެ. އެކްޓަރު ވަރުން ދަވަން ލީޑް ރޯލްއިން ފެނިގެންދާ މިސީރީސް ޑައިރެކްޓް ކުރާނީ މިޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުން ކަމަށްވާ ރާޖް އަދި ޑީކޭއެވެ.

ރާޖް އަދި ޑީކޭ އަކީ އެމޭޒަންއިން ގެނެސްދިން ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން" ގެ އުފެއްދުންތެރިންނެވެ. ޖޯ ރުސޯއާއި އެންތަނީ ވަނީ ދެ މީހުންގެ އަމިއްލަ އިންސްޓްގްރާމް މެދުވެރިކޮށް "ސިޓަޑެލް"ގެ އިންޑިއާ ބައެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.

މި ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭ ވެބް ސީރީސްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ވަރުންއާއެކު ސީރީސްއިން ބަތަލާގެ ރޯލްއިން ފެންނާނީ ތެލުގޫ ބަތަލާ ސަމަންތާ ޕްރަބޫކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ސީރީސްގެ އެމެރިކަން ވާޝަންއިން ފެނިގެން ދާނީ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ތަރި ރިޗަޑް މެޑެންއެވެ. އެމެރިކަން ވާޝަން އެމޭޒަން ޕްރައިމްއިން ޕްރިމިއާކުރަން ނިންމާފައިވާއިރު ސީރީސް ޕްރިމިއާކުރާނެ ވަކި ތާރީޚެއް އަދި އިޢުލާން ނުކުރެއެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެބް ސީރީސް ކުޅެން ޝައުޤުވެރިކަން ފާޅުކޮށް ބައެއް ތަރިން ވެބް ސީރީސްތަކުން ފެނިފައިވާއިރު، މިއީ އެކްޓަރު ވަރުން ދަވަންގެ އަލަތު ވެބް ސީރީސްއެވެ. ވެބް ސީރީސްތަކަށް ސޮއިކޮށްފައިވާ ތަރިންގެތެރޭގައި އެކްޓަރު ޝާހްރުކް ޚާން، ޝާހިދު ކަޕޫރު އަދި ބަތަލާ ކާޖޮލް ހިމެނެއެވެ.

އެކްޓަރު ވަރުން ދަވަން ދާދިފަހުން ފެނިގެންދިޔައީ ހޮރޯ ކޮމެޑީ "ބޭޅިޔާ"އިންނެވެ. ވަރުން ފިލްމުގައި ދައްކުވައިދީފައިވާ ތަފާތު ރޯލަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. ފިލްމުގައި ވަރުން ފެނިގެން ދަނީ ދިމާވާ ޙާދިސާއަކާ ގުޅިގެން އިންސާނެއްގެ ސިފައިން ހިޔަޅެއްގެ ސިފައަށް ބަދަލުވެގެންދާ މަންޒަރެވެ. މިރޯލަށް ފިޓްވުމަށްޓަކައި ވަރުން ވަނީ ހަށިގަނޑު ފުރިހަމައަށް ތައްޔާރުކޮށް ޙާއްޞަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ. ވަރުންއާއެކު ފިލްމުގައި ފެނިގެންދިޔައީ ބަތަލާ ކްރިތީ ސެނޮންއެވެ.

comment ކޮމެންޓް