''އޯތެންޓިކް މޯލްޑިވްސް'' ބްރޭންޑުގެ ދަށުން ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކޮށްފި

އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ

ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑުގެ ދަށުން ފުރަތަމަ ފަހަރަށް ޖަޕާން މާކެޓަށް ދިވެހި އުފެއްދުންތަކެއް ނެރެފިއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޖަޕާން މާކެޓަށް ނެރެފައިވަނީ، ޖަޕާން އެކްސްޓާނަލް ޓްރޭޑް ކޯޕަރޭޝަން (ޖެޓްރޯ) އާ ގުޅިގެންނެވެ. ދިވެހި އުފެއްދުންތައް ޖަޕާނު މާކެޓަށް ނެރެފައިވަނީ ޖެޓްރޯގެ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުންނެވެ.

ޖެޓްރޯގެ މި ޕްރޮގްރާމްގެ ބައިވެރިވާ ޤައުމުތަކަށް، އެޤައުމުތަކުގެ ވިޔަފާރިތަކުގެ އަމިއްލަ އުފެއްދުންތައް ޖަޕާނުގެ އެކި ހިސާބުތަކުގައި މާކެޓްކުރުމާއި ވިއްކުމުގެ ފުރުސަތު ލިބެއެވެ.

ރާއްޖޭގެ އުފެއްދުންތައް ޖަޕާނުގައި ވިއްކަން ފެށުމުގެ ގޮތުން އިއްޔެ ޖަޕާނުގެ އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަނުގެ ފަރާތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސާބިރު އާއި އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ އިތުރުން ޖެޓްރޯގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ޖަޕާން މާކެޓަށް ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހިން އުފައްދާ ކާބޯތަކެތީގެ ބައެކަހަލަ ބާވަތްތަކާއި، އާޓް އެންޑް ކްރާފުޓް ތަކެތީގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންވާ ބައެއް ކަހަލަ ތަކެއްޗެވެ.

އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދައްކާލުމަށް ބަހައްޓާފައިހުރި ދިވެހި އުފެއްދުންތަކެއް--- ފޮޓޯ/ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ

ސަން އާ ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ ހެޑް އޮފް އައުޓްރީޗް އިބްރާހީމް ޒިޔާއު ވިދާޅުވީ، ޖަޕާން މާކެޓަށް ތައާރަފްކުރި ދިވެހި އުފެއްދުންތައް ޖަޕާނުގެ ނަރީޓާ އެއާޕޯޓުންނާއި ކަންސައި އެއާޕޯޓުން މިހާރު ލިބެން ހުންނާނޭކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ޖަޕާނުގެ އިތުރުން ބޭރުގެ އެހެނިހެން މާކެޓުތަކަށް ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ފޮނުވަން. މިއީ އަދި ފެށުމެއް" ޒިޔާއު ވިދާޅުވިއެވެ.

ޖެޓްރޯގެ އެއްބާރުލުމާއެކު ޖަޕާނު މާކެޓަށް "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ދިވެހި އުފެއްދުންތައް ވިއްކަން ފަށާފައިވާއިރު، ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމުކޮށްގެން ބާއްވާ ސޭލްސް އިވެންޓުތަކުގައި ދިވެހި އުފެއްދުންތައް ލިބެން ހުންނާނޭކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ ޒުވާނުނަށް ވިޔަފާރީގެ ފުރުސަތުތައް ހޯދައި ދިނުމުގެ އިތުރުން ވިޔަފާރިކުރުމަށް އެހީތެރިވެދީ، ދިވެހި އުފެއްދުންތައް ބޭރުގެ ބާޒާރަށް ނެރުމަށްވެސް ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް