ނިލަންްދޫގައި އާ އިންޖީނު ގެއާއި ފެނަކަ އޮފީސް ހުޅުވައިފި

ރައީސް ޞާލިޙް ގއ. ނިލަންދޫ އިންޖީނުގެ ހުޅުއްވައިދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ގއ. ނިލަންދޫ އާ އިންޖީނުގެއާއި އޮފީސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ޞާލިހު ނިލަންދޫއަށް ވަޑައިގަތީ މިއަދު ހެނދުނެވެ. މި ދަތުރުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ނިލަންދޫ އާ އިންޖީނު ގެއާއި ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އާ އޮފީސް ސަރަހައްދުގައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ފެނަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ އެންމެ ފުރަތަމަ އޭނާ މި ރަށަށް 2009ވަނަ އަހަރު އިންޖީނު ގެ ބަދަލުކުރުމުގެ މަޝްވަރާއަށް އައުމުން އެއިރު ރައްޔިތުންގެ ފަރާތުން ލިބުނީ ފިނި މަރުހަބާއެއް ކަމަށެވެ. އަދި ރަށުން ފައިބައިގެން ދާން ޖެހުނީ ވަރަށް ހިތްދަތި ކޮށް ކަމަށެވެ.

"ތަގުދީރުގައި ކަން ދިމާކުރި ގޮތުން މި އިންޖީނުގެ ބަދަލުކުރަން ބިންގާ އަޅަން ފުރުސަތު ލިބުނީ އަޅުގަނޑަކަށް. އެ ކަމަށް ޓަކައި ﷲ އަށް ހަމްދުކުރަން. މިއަދު މި އިންޖީނުގެ މާ ނަޔާ ރީތި ހިތްގައިމު ތަނަކަށް ބަދަލުވުމުގެ މަރުހަލާގައި މިތާ ހުރުމުގެ ފުރުސަތު ލިބުނީތީ ވެސް އަޅުގަނޑު ހަމްދުކުރަން،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ނިލަންދޫ ރައްޔިތުން ސަރުކާރުން ކުރި މަސައްކަތާ މެދު އެއްވެސް ޝައްކެއް ނުކުރާނެކަން ޔަގީންވެލައްވާ ކަމަށެވެ.

އެއާއެކު ރާއްޖޭގެ ރަށްރަށުގައި ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން ނިލަންދޫގައި ހިންގައި ނިމިފައިވާ މަޝްރޫތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުމާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ އިތުރުން، މި ރަށު ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކޮށްދިނުން ހިމެނެއެވެ.

މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި، ފެނާއި ނަރުދަމާ ގާއިމްކުރުން ހިމެނެއެވެ.

އެވޯޑުކޮށްފައިވާ ބައެއް މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު ތަރައްގީކޮށް، ލެބޯޓްރީގެ ޚިދުމަތް ގާއިމްކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް