ސޯލްޓް ބޭގެ މައްސަލައެއް ފީފާއިން ބަލަނީ

ސޯލްޓް ބޭ ވޯލްޑް ކަޕުގެ ޓްރޮފީއާއެކު ---

ވޯލްޑް ކަޕުގައި އާޖެންޓީނާއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ދަނޑު މަތީގައި އެ ޓީމުގެ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ އާއިލާ މެމްބަރުން އުފާ ފާޅުކުރަމުން ދިޔައިރު، ދަނޑު މައްޗަށް ތުރުކީގެ ސެލެބްރިޓީ ޗެފް ނުސްރަތު ގޯކްޝާ (ސޯލްޓް ބޭ) އެރި މައްސަލަ ފީފާއިން ތަހުގީގުކުރަން ފަށައިފިއެވެ.

ތަށްޓާއެކު އާޖެންޓީނާގެ ކުޅުންތެރިން ދަނޑުމަތީގައި ފޮޓޯ ނަގައި، އުފާ ފާޅުކުރަމުން ދަނިކޮށް ސޯލްޓް ބޭ ވަނީ ދަނޑު މަތީގައި އެ ކުޅުންތެރިންނާއެކު ފޮޓޯ ނަގައި، ވޯލްޑް ކަޕުގެ ޓްރޮފީގައި އަތްލައި، އެ ތަށްޓާއެކު ފޮޓޯ ވެސް ނަގާފައެވެ.

އެ ޓްރޮފީ އަމިއްލައަށް އުފުލާލައި، އެއަށް ބޮސްދޭ މަންޒަރު ފެންނަ ފޮޓޯތައް އޭނާގެ އަމިއްލަ މީސްމީޑިއާ އެކައުންޓުތަކުގައި ހިއްސާ ކޮށްފައިވާއިރު، އެ މަންޒަރުތައް ފެންނަ ވީޑިއޯތައް އެކި އެކައުންޓު ތަކުން މީސްމީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައި ވެއެވެ.

އަދި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއެކު ފޮޓޯ ނެގުމަށް ސޯލްޓް ބޭ ކަންކުރި ގޮތާމެދު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައި ވެއެވެ. އެގޮތުން ސޯލްޓް ބޭ ވަނީ މެސީގެ ކޮނޑުގައި އަތް އަޅައި މެސީ ހުއްޓުވާފައެވެ. މިއާއެކު މެސީގެ މޫނު މަތިން ވެސް ހިތްހަމަ ނުޖެހިފައި ހުރިކަން ފާހަގަވިއެވެ.

ނުސްރަތު ލިއޮނެލް މެސީއާއެކު --

ކާ ތަކެއްޗަށް ލޮނު އެޅުމުގައި ގެންގުޅޭ ތަފާތު އުކުޅެއްގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ހޯދި ސޯލްޓް ބޭ ދަނޑުމައްޗަށް އެރި މައްސަލަ އަދި ވޯލްޑް ކަޕުގެ ޓްރޮފީގައި އަތްލި މައްސަލަ ފީފާއިން ތަހުގީގު ކުރަމުން އަންނައިރު، ފީފާގެ ޕްރޮޓޮކޯލްގައިވާ ގޮތުން ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްލެވޭނީ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކަށް ނޫނީ ހެޑް އޮފް ސްޓޭޓް (ގައުމުތަކުގެ ވެރިން) އޭގެ އިތުރުން ފީފާއިން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތްތަކަށް އެކަންޏެވެ. ސޯލްޓް ބޭ ޓްރޮފީގައި އަތްލީ އެފަދަ އެއްވެސް ހުއްދައެއް ނުލިބިއެވެ.

މިކަމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ލުސައިލް ސްޓޭޑިއަމްގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު، ވަކިވަކި ފަރުދުން ދަނޑުމައްޗަށް އަރައި ޓްރޮފީގައި އަތްލި މައްސަލައެއް ފީފާއިން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ.

2017 ވަނަ އަހަރުގައި މީސްމީޑިއާއިން މުޅި ދުނިޔޭގެ ސަމާލުކަމަށް އައި ސެލެބްރިޓީ ޝެފް ނުސްރަތުގެ 22 ރެސްޓޯރަންޓެއް ހުންނައިރު، ދުނިޔޭގެ މަޝްހޫރު އެތައް ސެލެބްރިޓީންތަކެއް އެ ރެސްޓޯރަންޓު ތަކަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މެސީ އަކީ ވެސް ނުސްރަތުގެ ރެސްޓޯރަންޓަކަށް ގޮސް، އޭނާއާއެކު މީގެކުރިން ފޮޓޯ ވެސް ނަގާފައިވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް