އާޖެންޓީނާ ސަޕޯޓަރުން ބާއްވަން އުޅުނު ސައިކަލު ބުރު ފަސްކޮށްފި

މެސީއާއި އާޖެންޓީނާގެ ކާމިޔާބީއާއެކު މުޅި މާލޭގައި އުފާ ފާޅުކުރަނީ ---- ސަންފޮޓޯ/ ނާއިލް ހުސައިން

އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމަށް، ރާއްޖޭގައި އުޅޭ އެ ޓީމުގެ ސަޕޯޓަރުން މިއަދު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފަސްކޮށްފިއެވެ.

"ސަން"އާ ވާހަކަދައްކަމުން މި ސައިކަލު ބުރު ރާވައި އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ރަޝްވާން ރަޝީދު ބުނީ، މިއަދު ބާއްވަން މަސައްކަތް ކުރި ސައިކަލު ބުރު ފަސްކޮށްފައި ވަނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ،

އަދި ދެން ސައިކަލު ބުރު ބާއްވަން ނިންމާފައި ވަނީ މި ފެށޭ ހަފްތާގެ ހުކުރު ދުވަހު (30 ޑިސެމްބަރު 2022) ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ވެސް ސައިކަލު ބުރު ފަށާނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށް ރަޝްވާން ބުނެފައިވެއެވެ.

މީގެއިތުރުން އެ ދުވަހުގެ ސައިކަލު ބުރުގައި ފުލުހުންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބޭނެ ކަމަށް އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ހާއްސަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭނެ ކަމަށް ރަޝްވާން ވަނީ ބުނެފައެވެ.

މި ސައިކަލު ބުރުގައި އުރީދޫއިން ބައިވެރިވާން ނިންމާފައި ވާއިރު، އެ ކުންފުނިން ވަނީ ވޯލްޑް ކަޕާ ގުޅުވައިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވެސް ހިންގާފައެވެ. އެގޮތުން ހާްއްސަ ފޭން ޒޯން ތަކެއް ހަދައި، އެ ސަރަހައްދުތަކުގައި މެޗު ބެލޭނެ އިންތިޒާމްތަކާއި، އެހެނިހެން ބައެއް ހަރަކާތްތައް ވެސް ހިންގާފައި ވެއެވެ.

އުރީދޫއިން ވަނީ ވޯލްޑް ކަޕާ ދިމާކޮށް އުރީދޫ ފުޓުބޯޅަ ފޯރީގެ ނަމުގައި ގިނަ ހަރަކާތްތަކެއް ވެސް ހިންގާފައެވެ.

36 އަހަރަށްފަހު އާޖެންޓީނާއިން ވޯލްޑް ކަޕް މުބާރާތުގެ ތަށި އުފުލާލުމާ ގުޅިގެން ރާއްޖޭގައި އެކަމުގެ އުފާ ފާޅުކުރުމަށް ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު، ވީހާ ވެސް ގިނަ ސަޕޯޓަރުންތަކެއް މި ސައިކަލު ބުރުގައި ބައިވެރިވުމަށް، މި ސައިކަލު ބުރު އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުނުއިރު، މި މަހުގެ 18 ވަނަ ދުވަހު ވޯލްޑް ކަޕް ނިމުމާ ހަމައަށް ވެސް އެންމެ ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދަނީ އާޖެންޓީނާ ކުޅޭ މެޗުތަކުގައެވެ. އެގޮތުން ކޮންމެ މެޗެއްގައި ވެސް އާޖެންޓީނާގެ ޖާޒީ ލައިގެން، އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯންއަށް ގިނަ ބަޔަކު މެޗު ބަލަން އެއްވާއިރު، މެޗަށްފަހު އުފާ ފާޅުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް މަގުތަކަށް ނުކުމެއެވެ.

ހާއްސަ ގޮތެއްގައި ފައިނަލް މެޗުގައި ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތަށި އުފުލާލުމާ ގުޅިގެން މި އުފާ ފާޅުކުރުންތަކުގެ އަޑު ގަދަވެ، ބައިވެރިވާ ފަރާތްތަކުގެ އަދަދު ގިނަވުމުގެ އިތުރުން، ގިނައިރުތަކެއް ވަންދެން މަގުތަކުގައި އެ ޓީމުގެ ސަޕޯޓަރުން އުފާ ފާޅުކުރަމުން ދިޔައެވެ.

އާޖެންޓީނާ އަކީ ދުނިޔޭގައި އެންމެ ބޮޑު އެއް ފޭންބޭސް އޮތް ޓީމެވެ. ހާއްސަ ގޮތެއްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުޅިވަރުގެ އެންމެ ހައިބަތު ބޮޑު އެއް ތަރިއެވެ.

comment ކޮމެންޓް