މާބަނޑު އަންހެނާގެ ނަމާދަށް ލުއި ގޮތެއް އޮވޭތަ؟

މާބަނޑު އަންހެނެއް --- ފޮޓޯ/ ބްލޮގް.ހޯޓުހިޖާބު.ކޮމް

މާބަނޑު އަންހެނާ އުފުލަންޖެހޭ ބުރައާއި އުނދަގޫކަން އެއީ އާއްމު ހާލަތުގައިވާ މީހާއަށް ތަސައްވުރު ކުރެވޭނެކަމެއްނޫނެވެ. އަންހެނާ ބަލިވެ އިނުމުން ދިމާވާ ހާލަތްތަކަށް ރިޢާޔަތް ކޮށް، އެމީހުންނާމެދު އިސްލާމްދީނުގައި ޚާއްޞަ ޢިނާޔަތްތެރިކަމެއް ދެއްވަވާފައިވެއެވެ. އެގޮތުން މާބަނޑު އަންހެނާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް އެންމެ ރައްކާތެރިކަން ލިބޭނެ ގޮތަކަށް ބަލައިގެން ދީނުގެ ވާޖިބުތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދެއްވަވާފައިވެއެވެ.

ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ފަސްނަމާދު ވާޖިބުވާނެއެވެ. މާބަނޑު އަންހެނާވެސް މި ޙުކުމުން އިސްތިސްނާވެގެން ނުވެއެވެ. ބަލިވެ އިނުމުގެ ސަބަބުންކަމަށްވިޔަސް ނަމާދު ނުކޮށް ދޫކޮށްނުލެވޭނެކަމަށް ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ. ނަމަވެސް އެހާލަތުގައިވާ ހިނދު ކުރިމަތިވާ މަޝައްޤާ ނުވަތަ ބުރަ އުނދަގޫކަމުގެ ސަބަބުން ދެނަމާދު އެއްކޮށް (ޖަމްޢުކޮށް) ކުރެވިދާނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވެއެވެ.

ފުރަތަމަ ރައުޔު: ރަށުގައި ގާއިމުވެ ހުންނަ މީހާއަށް ކުރިމަތިވާ މަޝައްޤާއާއި ބަލިކަށިކަމުގެ ސަބަބުން، ދެނަމާދު ޖަމްޢުކުރުން ހުއްދައެއްނުވާނެއެވެ. މިއީ ޙަނަފީންނާއި މާލިކީންނާއި ޝާފިޢީންގެ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. މިބޭފުޅުންގެ ދަލީލަކީ ޖިބުރީލު ޢަލައިހިއްސަލާމު ނަމާދުގެ ވަގުތުތައް ބަޔާންކޮށްދެއްވި ޙަދީޘެވެ. ޖެހިޖެހިގެން ދެދުވަހު ޖިބުރީލު ޢަލައިހިއްސަލާމު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި އިމާމުވެވަޑައިގެން ނަމާދު ކުރެއްވިއެވެ. ފުރަތަމަ ދުވަހު ނަމާދު ކުރެއްވީ ވަގުތު ފެށޭ ކޮޅުގައެވެ. އަދި ދެވަނަ ދުވަހު ނަމާދު ކުރެއްވީ ވަގުތު ނިމޭ ކޮޅުގައެވެ. އަދި ވިދާޅުވިއެވެ. ކޮންމެ ނަމާދެއްގެވެސް ވަގުތު ވަނީ މި ދެމެދުގައެވެ.(އައްނަސާއީ: 1/256،255) މި ޙަދީޘުން އެނގޭ ގޮތުގައި ކަނޑައެޅިފައިވާ ވަގުތުން ބޭރުވާނެހެން ނަމާދު އަވަސްކުރުން ނުވަތަ ފަސްކުރުން ހުއްދަވެގެން ނުވެއެވެ. ދެނަމާދެއް ޖަމްޢުކޮށްފިނަމަ ކޮންމެވެސް އެއްނަމާދެއް އޭގެ ވަގުތުން ބޭރުވާނެއެވެ. [ކުރިންވެސް ބުނެފައިވާ ފަދައިން މިއީ ރަށުގައި ގާއިމުވެ ހުންނަމީހާގެ ޙުކުމެވެ. ދަތުރުވެރިޔާ ނަމާދު ޖަމްޢުކުރުމުގެ ވާހަކައެއްނޫނެވެ.]

ދެވަނަ ރައުޔު: ރަށުގައި ގާއިމުވެ ހުރިނަމަވެސް، ކުރިމަތިވާ މަޝައްޤާއާއި ބަލިކަށިކަމުގެ ސަބަބުން، ދެނަމާދު ޖަމްޢުކުރުން ހުއްދަވާނެއެވެ. މިއީ ޙަންބަލީންނާއި ޤާޟީ ޙުސައިންގެ ރައުޔެވެ. ނަމަވެސް މިގޮތަށް ނަމާދު ޖަމްޢު ކުރުމަކީ އާދައަކަށް ހަދައިގެން ނުވާނެކަމަށް މިބޭފުޅުން ވިދާޅުވެއެވެ. އަދި ދިމާވެފައިވާ މަޝައްޤާއަކީ އާދަވެގެން ދެމި އޮންނަ ޒާތުގެ އާއްމު މަޝައްޤާއަކަށްވެސް ވެގެން ނުވާނެއެވެ. އެއާ ޚިލާފަށް އެއީ ޚާއްޞަ ހާލަތަކާއެކު ކުރިމަތިވާ، ނަފުސަށް ބުރަ އުނދަގޫކަން ގެނުވާ ހަގީގީ މަޝައްޤާއަކަށް ވާންޖެހޭނެއެވެ.

މިބޭފުޅުންގެ ރައުޔަށް ބާރު ދެއްވުމަށް މައިގަނޑު ދެ ދަލީލެއް ގެންނަވައެވެ. ފުރަތަމަ ދަލީލަކީ؛ ސަހުލާ ބިންތި ސުހައިލް އާއި ޙަމްނާ ބިންތި ޖަޙްޝު އިސްތިޙާޟާގެ ހާލަތުގައިވީހިނދު ނަމާދު ޖަމްޢު ކުރެއްވުމުގެ ހުއްދަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވުމެވެ.(އަލްމުޣުނީ: 2/277) ދެވަނަ ދަލީލަކީ؛ ބިރުވެރިކަމެއް އަދި ވާރޭ ވެހުމެއްވެސް ނެތީސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ޖަމްޢު ކުރެއްވިކަން ސާބިތުވެއެވެ.(މުސްލިމް: 1/491،490) އިތުރު އެކަލޭގެފާނު މިގޮތަށް އަމަލުކުރެއްވުމުގެ ހަގީގީ މަގުސަދަކީ ކޮބައިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އައްނަވަވީ ބަޔާންކުރައްވާ ގޮތުގައި އެއީ ބަލި ހާލަތެއްގެ ސަބަބުން އަމަލުކުރެއްވި ގޮތެއް ކަމަށްވުން އެކަށީގެންވެއެވެ. އިމާމު އަޙްމަދުވެސް ވިދާޅުވަނީ މިފަދައިންނެވެ. އަދި އަބޫހުރައިރާވެސް ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ. ވީމާ (ވަކި ކަހަލަ) ބަލި ހާލަތެއްގެ ސަބަބުން ނަމާދު ޖަމްޢު ކުރެވޭނެކަން މި ދެ ދަލީލުންވެސް އެނގެއެވެ. ބަލިވުމުގެ ސަބަބުން ނަމާދު ޖަމްޢުކުރުން ހުއްދަވާނެކަމަށް މާލިކީންވެސް ވިދާޅުވެއެވެ. މި ރައުޔުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރަށުގައި ގާއިމުވެ ހުންނަ މީހާއަށް ނަމާދު ޖަމްޢު ނުކުރެވޭނެކަމަށް ބުނާ ރައުޔުގައި ގެނެސްފައި އެވާ ދަލީލަކީ މައްސަލައާ ގުޅުމެއްނެތް ގޮތަށް ގެނެސްފައިވާ ދަލީލެކެވެ.

އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު: ދެފަރާތުން ގެނެސްފައިވާ ދަލީލުތަކަށް ބަލާއިރު އެންމެ ރަނގަޅުކަމަށް ބުރަ ވެވެނީ ދެވަނަ ރައުޔަށެވެ. ބުރަ އުނދަގޫކަން މެދުވެރިވާ ބަލި ހާލަތުގެ ސަބަބުން ނަމާދު ޖަމްޢު ކުރެވޭނެކަން ޞައްޙަ ޙަދީޘްތަކުން އެނގެއެވެ. ވީމާ މާބަނޑުވުމުގެ ސަބަބުން ބުރަ އުނދަގޫކަން ކުރިމަތިވެފައިވާ އަންހެނާއަށްވެސް އެ ލުއިކަން ލިބިދެވޭނެއެވެ. އެއީ ﷲ ގެ މިބަސްފުޅުގައިވާ ފަދައިންނެވެ. وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ (ޙައްޖު: 78) "އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." ޝަރުޢީ ނައްޞުތަކުގެ މައްޗަށް ބިނާކޮށް ކަނޑައަޅާފައިވާ ފިޤުހީ ޤާޢިދާގައިވަނީ "ބުރަ އުނދަގޫ ހާލަތެއް މެދުވެރިވުމުން، ޝަރުޢީ ޙުކުމްތަކަށް އަމަލީ ސިފަ ގެނައުން ދަތިވެއްޖެނަމަ އެކަންކަން ކުރެވޭނެ ލުއި މަގެއް ދައްކައިދެއެވެ."

ގުޅޭ ޓެގު
comment ކޮމެންޓް