''އާރްއާރްއާރް''ގެ ލަވަ ބައިނަލްއަޤްވާމީ އެވޯޑަކަށް ޝޯޓް ލިސްޓުވެ ތާރީޚުގެ ތެރެއަށް

މިއަހަރު ރިލީޒްވެ ބޮކްސް އޮފީހުގައި ބޮޑު ކާމީޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް" ފިލްމު އަންނަ އަހަރު ބާއްވާ 95 ވަނަ އެކަޑަމީ އެވޯޑްއަށް ނޮމިނޭޓްވުމާއެކު ސައުތް ސިނަމާގެ އިތުރުން ހިންދީ ސިނަމާއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އުފާފާޅުކޮށްފައެވެ.

ފިލްމު ދެ ކެޓެގަރީއަކުން ނޮމިނޭޓްވެފައިވާއިރު، އެންމެ މޮޅު އަމިއްލަ ރާގު ލަވައަށް ނޮމިނޭޓްވި 15 ލަވައިން ޝޯޓް ލިސްޓްކުރެވުނު ލަވަތަކުގެތެރޭގައި މި ފިލްމުގެ ލަވަ "ނާޓޫ ނާޓޫ"ވަނީ ހިމެނިފައެވެ.

މިއީ އިންޑިއާގެ ތާރީޚުގައިވެސް މިހާތަނަށް އެކަޑަމީ އެވޯޑްސްގައި އިންޑިއާ ފިލްމެއްގެ ލަވައެއް ޝޯޓް ލިސްޓުވި ފުރަތަމަ ފަހަރެވެ.

މި ޚަބަރާއެކު ފިލްމުގެ މޭސްތިރި އަދި ޕްރޮޑިއުސަރު ރާޖާ މޮލީއަށާއި ފިލްމުގެ ކާސްޓުންނަށް ގިނަ ބަޔަކު އަންނަނީ ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ފިލްމުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި މި ޚަބަރު ޙިއްސާކުރަމުން މިހާތަނަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އައި ލޯތްބަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް"ވަނީ ދާދިފަހުން ބޭއްވި ކްރިޓިކްސް ޗޮއިސް އެވޯޑް 2023ގައިވެސް ފަސް ކެޓަގަރީއަކުން އެވޯޑް ހާސިލުކޮށްފައެވެ.

މި ފިލްމަކީ، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އިންޑިއާއޮތް ދުވަސްވަރު އިންޑިއާ ރައްޔިތުން އަޅުވެތިކޮށްގެން ގެންގުޅުމުން އެކަމާ ދެކޮޅަށް އަޑު އުފުލައި އިނގިރޭސީންގެ އަތްދަށުން ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު ހަނގުރާމަ ކިޔައިދޭ ފިލްމެކެވެ. ނަވާރަސަތޭކަ ވިހި ވަނަ އަހަރުތަކުގައި ހިނގާދިޔަ ޙާދިސާތަކުގެ ވާހަކަ ކިޔައިދެނީ ތެލުގޫ ދެ އެކްޓަރުންކަމަށްވާ އެންޓިއާރް ޖޫނިއާއާއި ރާމް ޗަރަންއެވެ. ފިލްމުގެ މުހިއްމު ބަޔަކުން އެކްޓަރު އަޖޭ ދޭވްގަންއާއި އެކްޓްރެސް އާލިއާ ބަޓްވެސް ފެނިގެންދެއެވެ.

comment ކޮމެންޓް