އަޖޭ ދޭވްގަންގެ ފިލްމު ''ބޯލާ'' ރިލީޒްކުރުން އަންނަ އަހަރުގެ މާޗް މަހަށް ތާވަލުކޮށްފި

އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމީ ޙަޔާތުގެ އެންމެ ޗެލެންޖިންގް އެކްޝަން ޑްރާމާ ފިލްމު "ބޯލާ" ރިލީޒްކުރާނެ ތާރީޚު ނިންމައިފިއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ، އަޖޭއަށް ވަރަށް ޚާއްޞަ ފިލްމެއްވެސްމެއެވެ. އެއީ މިހާތަނަށް ވަރަށް ބުރަ މަސައްކަތާއެކު އެ ފިލްމަކަށް އަޖޭގެ ހުރިހާ ވަގުތެއް ހުސްކުރި ފިލްމަށް މި ފިލްމުވާތީއެވެ.

މީގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޖޭ ދޭވްގަން އަމިއްލައަށެވެ. އެހެންވެ މި ފިލްމަކީ، އަޖޭގެ ކެރިއަރުގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރެއިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ފިލްމެކެވެ.

މާޗް މަހުގެ 30 ވަނަ ދުވަހު ފިލްމު ރިލީޒްވާކަން އިޢުލާނުކުރަމުން އަޖޭ ވަނީ ފިލްމުގެ އިތުރު ޕޯސްޓަރެއް ވެސް ރިލީޒްކޮށްފައެވެ. ވަރަށް ވަރުގަދަ މެސެޖަކާއެކު ރިލީޒްކުރި ޕޯސްޓަރުގައި އަޖޭގެ ފެނިލުމުން އެކަނި ވެސް ފިލްމުގެ ހުރި ވަރުގަދަކަމާއި ފިލްމުގައި ފެނިގެންދާނެ އެކްޝަން ސީންތައް އަންދާޒާކޮށްލެވޭނެއެވެ.

ފިލްމުގައި އަޖޭ ފެނިގެން ދާނީ އަމިއްލަ އަންހެން ދަރިފުޅާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރާ ޒިންމާދާރު ބައްޕައެއްގެ ރޯލްއިންނެވެ. މި ދަތުރުގައި އަޖޭ އާއި ދިމާވާ އެކި ހުރަސްތައް ގިރާކުރުމުގައި ވަރަށް ގިނަ ގޮންޖެހުތަކާ އެކްޓަރު ކުރިމަތިލާން ޖެހެއެވެ. މި ހުރިހާ ކަމަކުން ސަލާމަތްވުމަށް ހިންގާ ތަޅާފޮޅުންތައް ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު "ބޯލާ"އަކީ 2019 ވަނަ އަހަރު ރިލީޒްވި ތަމަޅަ ފިލްމު "ކައިތީ"ގެ ރިމޭކްއެކެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްވި ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އަޖޭގެ އިތުރުން ފިލްމުގައި ދެން ފެނިގެން ދާނީ ބަތަލާ ތައްބޫއެވެ.

އަޖޭއާއި ތައްބޫގެ ފުރަތަމަ ފިލްމު "ވިޖޭ ޕަތް"އަށްފަހު ދެ ތަރިންނަކީ ވަރަށް ގާތް ދެ ރަޙްމަތްތެރިންނެވެ. ދެތަރިން އެކީގައި ފެންނަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި ފިލްމު "ދްރިޝްޔަމް" އަދި ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރުދޭ" ހިމެނެއެވެ.

comment ކޮމެންޓް