އަހަރުތަކަކަށް ފަހު ރާމް އާއި ލަކަން އެއް ފިލްމަކުން

ނުވަދިހައިގެ އަހަރުތަކުގައި ރިލީޒްވި ކާމިޔާބު ފިލްމު "ރާމް ލަކަން"ގެ ޖާދޫގައި ބެލުންތެރިން އަނެއްކާ ވެސް ޖެހިދާނެކަމުގެ އިޝާރާތެއް މީޑިއާއިން މި ވަނީ ދީފައެވެ.

ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމު "ޗޯރް ޕޮލިސް" ނަމުގައި އުފައްދާ ފިލްމަށް އެކްޓަރު އަނިލް ކަޕޫރާއި ޖެކީ ޝްރޮފް ސޮއިކުރިކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިއީ ފިލްމު "ރާމް ލަކަން"އަށްފަހު އަނިލް އާއި ޖެކީ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ، މި ފިލްމަކީ، ހެއްވާ މަޖާ ހާދިސާތަކެއް ކިޔައިދޭ ކޮމެޑީ ޑްރާމާއެއް ކަމަށެވެ. އަނިލް ކަޕޫރު ވައްކަން ކުރާ މީހެއްގެ ރޯލްއިން ފެންނައިރު ޖެކީ ފެނިގެންދާނީ ފުލުހެއްގެ ރޯލްއިންނެވެ.

ފިލްމުގެ ސްކްރިޕްޓަކީ، ދެ ތަރިން އަލުން ސްކްރީނަށް ގެންނަން ޚާއްޞަކުރެވިފައިވާ ސްކްރިޕްޓެއްކަމަށް އަނިލް އަދި ޖެކީވަނީ ބުނެފައެވެ. އަނީސް ބަޒްމީގެ ލިޔެ ތައްޔާރުކުރާ މިފިލްމުގެ ޑައިރެކްޓަރެއް އަދި ހަމައެއް ނުޖެހެއެވެ.

އަންނަ އަހަރުގެ މެދުތެރޭ ފިލްމުގެ މަސައްކަތް ފެށުމަށް ރާވާފައިވާއިރު، ޑައިރެކްޓަރެއްގެގޮތުގައި ރަވީ ޖާދަވް ފެނިގެންދިޔުން ކައިރިކަމަށް ރިޕޯޓުތައް ބުނެއެވެ. އަނިލް ކަޕޫރާއި ޖެކީ ޝްރޮފްގެ އިތުރުން ފިލްމުގައި ދެން ފެނިގެންދާނީ ކޮން ތަރިންނެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޢާއިލާ ހާދިސާތަކެއް ފިލްމުގައި ހިމަނާފައިވާއިރު މި ދެ ތަރިންގެ އިތުރުން ބޮޑު ކާސްޓެއް ފިލްމުން ފެނިގެންދާނެއެވެ.

ދާދިފަހުން ކާފައެއްގެ ރޯލް ދިރިއުޅުމުގައި އިތުރުވި އަނިލް ކަޕޫރު އެންމެ ފަހުން ފެނިގެންދިޔައީ، ދަރްމާ ކުންފުނީގެ ފިލްމު "ޖުގް ޖުގް ޖިޔޯ"އިންނެވެ. ވިޔަފާރީގެ ގޮތުން މި ފިލްމަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. ޖެކީ ޝްރޮފް ވަނީ މިއަހަރު ދެ ފިލްމަކުން ފެނިފައެވެ. އެއީ ދާދިފަހުން ރިލީޒްވި ފިލްމު "ފޯން ބޫތް"އަދި މިމަހުގެ ނުވަ ވަނަ ދުވަހު ރިލީޒްވި ފިލްމު "ލައިފް އިޒް ގުޑް"އިންނެވެ.

comment ކޮމެންޓް