ޕީއެސްޖީގެ ކޮންޓްރެކްޓް އައުކުރަން މެސީ އެއްބަސްވެއްޖެ

މެސީ ޕީއެސްޖީއާ އެންމެ ފުރަތަމަ ގުޅުނުއިރު ---

ފްރާންސް ލީގުގެ ޗެމްޕިއަން އަދި ގަދަބާރު ޕީއެސްޖީއާއެކު އެ ޓީމުގެ ތަރި ލިއޮނެލް މެސީ ހަދާފައިވާ ކޮންޓްރެކްޓް އައުކުރަން އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އެއްބަސްވުން އައުކުރަން މެސީ ނިންމާފައިވާއިރު، ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ، މިއީ އަދި މިވަގުތަށް އަނގަބަހުން ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތެއްގައި މި އެއްބަސްވުން އެކުލަވާލާނެ ކަމަށްވެއެވެ.

ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ފެށޭ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ވޯލްޑް ކަޕުގެ ކުރިން މިއަހަރުގެ މާޗު މަހު މެސީ ބުނެފައި ވަނީ، ކުލަބު ފެންވަރުގައި އޭނާގެ ކުރިމަގާމެދު ވިސްނައި، ވާހަކަދައްކާނީ ވޯލްޑް ކަޕަށް ފަހުގައި ކަމަށެވެ.

ޕީއެސްޖީއާއެކު މެސީ އެއްބަސްވުން އައުކުރަން އަނގަބަހުން އެއްބަސްވެފައި މިވަނީ ވޯލްޑް ކަޕުގެ ކާމިޔާބީއަށް ގާތްގަނޑަކަށް 72 ގަޑިއިރުވީ ފަހުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މެސީ އައުކުރާނީ އެއް ސީޒަނުގެ ދިގު މިނަށެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނުއިރު، އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތެވެ.

ސްޕެއިންގެ ގަދަބާރު ބާސެލޯނާގައި 21 އަހަރުގެ ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ، ލަލީގާގެ ފައިނެންޝަލް ފެއަރ ޕްލޭ ގަވާއިދުގެ ތެރެއިން މެސީ ބާސާގައި މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. ބާސާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން އެޓީމުގެ ހުރިހާ މެމްބަރުން ރޮއްވާލުމަށްފަހު 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު، ހިލޭ ޓްރާންސްފާ އެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާއަކީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ޓްރާންސްފަރ ފީއެއް މާކެޓް ވެލިއުގައި ހުރި ކުޅުންތެރިއެކެވެ. ޕީއެސްޖީން މެސީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ހޯދީ ބާސާ އާއިއެކު މެސީ އެންމެފަހުން ހެދި ކޮންޓްރެކްޓުގެ މުއްދަތު ހަމަވެ، މެސީ ފްރީ އެޖެންޓަކަށް ވުމުންނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ދެކޭ މެސީ ވަނީ މިހާތަނަށް ޕީއެސްޖީއާއެކު 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ފްރެންޗް ލީގާއި 2022 ވަނަ އަހަރުގެ ފްރެންޗް ސުޕާ ކަޕް ކާމިޔާބު ކޮށްފައެވެ.

ރަނގަޅު ފޯމެއްގައި ހުރެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ވަނީ މިފަހުން ނިމުނު ފީފާ ވޯލްޑް ކަޕް 2022 އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް އެވޯޑު ވެސް ހާސިލް ކުރީ މެސީއެވެ. އަދި ޖުމްލަ ހަތް ލަނޑާއެކު މެސީ އަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައި، ރަން ބޫޓު އުފުލާލީ މެސީއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އެވެ.

comment ކޮމެންޓް