ކޮވިޑަށް ފަހު މިފަހަރު ލިބުނު ސްކޫލް ބަންދުގައި ގިނަ ބަޔަކު ރާއްޖެއިން ބޭރަށް

ވީއައިއޭގެ އެރައިވަލް ޓާމިނަލްތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދާ ދިވެހިން އިތުރުވެ، އެއާލައިންތަކަށް ބާރުބޮޑުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ވެސް ސްކޫލް ޗުއްޓީ ދުވަސްވަރު ދިވެހިންގެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރެއެވެ. އޭގެ ތެރެއިން އެއް ބަޔަކު ދަނީ އާއިލާ ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށެވެ.

އަނެއް ބަޔަކު ރާއްޖެއިން ބޭރަށް ދަނީ ބޭސްފަރުވާގެ ކޮންމެވެސް ކަމެއްގައެވެ. މިފަހަރު މި ލިބުނު ސްކޫލް ޗުއްޓީއަކީ ކޮވިޑާ ގުޅިގެން ވައިގެ ދަތުރުފަތުރު ކުރުމުގައި އަޅާފައި ހުރި ފިޔަވަޅުތައް އުވާލި ފަހުން ލިބުނު ފުރަތަމަ ޗުއްޓީއެވެ. އެގޮތުން މި އަހަރުގެ ބޮޑު ޗުއްޓީ ތެރޭގައި ބޭރަށް ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ހަދަން ޖެހުމާއި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް މިހާރު އެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.

އެހެންކަމުން މިފަހަރުގެ ސްކޫލް ޗުއްޓީގައި ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދިއުމަށް ޓިކެޓް ނަގާފައިވާކަމަށް އެއާލައިންތަކުގެ ޓިކެޓް ވިއްކާ ތަންތަނުން ބުނެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ބައިނަލްއަގުވާމީ ބައެއް އެއާލައިންތަކުގެ އޭޖެންޓުކަން ކުރަމުންދާ އޭސް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުތަކުގައި ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު ދަށްވި ނަމަވެސް މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ފުރާމީހުންގެ ކޮށިގަނޑުތައް-- ފޮޓޯ/އެމްއޭސީއެލް

މިގޮތުން ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއިން ބޭރަށް ދިއުމަށް ޓިކެޓް ނަގާފައިވާކަމަށް ފިރާގު ވިދާޅުވިއެވެ.

"މިފަހަރުގެ ސްކޫލް ބަންދުގައި އެންމެ ގިނަ މީހުން ދަތުރުކުރާކަމަށް ފާހަގަކުރެވެނީ އިންޑިއާ، މެލޭޝިއާ އަދި ބެންކޮކަށް. އިންޑިއާއަށް ދާ ގިނަ މީހުންނަކީ ބޭސްފަރުވާގެ އެކިއެކި ކަންކަމަށް ދަތުރުކުރާ މީހުން،" ފިރާގު ވިދާޅުވިއެވެ.

ސްކޫލް ބަންދާ ދިމާކޮށް މީގެކުރިން ދިވެހިން ގޮސް އުޅުނު އެއް ގައުމަކީ ސްރީލަންކާއެވެ. ނަމަވެސް މި ފަހުން ސްރީލަންކާއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާއި އިޖުތިމާއީ ހަމަނުޖެހުމާ ހެދި އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަމަށް ޓްރެވަލް އޭޖެންޓުން ބުނެއެވެ.

ލަންކާ އެއާޕޯޓު -- މިފަހަރު ސްކޫލް ބަންދުގައި ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އުޅެނީ ވަރަށް ދަށުގައި

ފިރާގު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު މިއަށްވުރެ އިތުރުވާނޭކަމަށެވެ. އެއީ ކޮވިޑަށް ފަހު މީހުން މާލީގޮތުން ހަމަޔަކަށް އެޅޭ މިންވަރަކުން އިތުރުވާނެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑަށްފަހު ވިޔަފާރިތައްވެސް އަދިކިރިޔާ ހިނގައިގަންނަން މި ފެށީ. ފެންނަ މަންޒަރުތަކަށް ބަލާއިރު މަޑުމަޑުން ރަނގަޅުވަމުން މި ދަނީ," ފިރާގު ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމަށްފަހު ގިނަ ގައުމުތަކުން މިހާރު ވަނީ އެގައުމުތަކަށް ދަތުރުކުރުމުގައި އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް އުވާލާފައެވެ. މެލޭޝިއާ އިންޑިއާ ފަދަ ގައުމުތަކަށް ދަތުރު ކުރުމުގައި އެއްވެސް އުނދަގުލެއް ނެތެވެ.

"ސަން"އާ ވާހަކަދައްކަމުން ސަންލޭންޑްގެ އޮފިޝަލަކު ވިދާޅުވީ، މިފަހަރުގެ ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދިއުމަށް ގިނަ މީހުން ވަރަށް ކުރިން ޓިކެޓް ނަގައި ނިންމާފައިވާކަމަށެވެ. މިގޮތުން އެންމެ ޑިމާންޑު ބޮޑުކަމަށް ފާހަގަކުރެވެނީ ބެންކޮކް، ދުބާއީ، މެލޭޝިއާ، ތުރުކީ ބާލީ، ފަދަ މަންޒިލްތަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ބަންދެއް އަތުވެއްޖެނަމަ ބެންކޮކް މެލޭޝިއާ ފަދަ ގައުމުތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑުވާނެ. ބައެއް މީހުން މިފަހަރު ވަރަށް ކުރިން ޓިކެޓް ބުކްކުރި. ތުރުކީއަކީވެސް މިހާރު ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން ގޮސްއުޅޭ ގައުމެއް،" ސަންލޭންޑުން ވާހަކަދެއްކި އޮފިޝަލަކު ފާހަގަކުރިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ޓާމިނަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވެފައިވާއިރު، މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަނެވެ. މިދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބާރުބޮޑު ވެދާނެތީވެ، އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން ވަނީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކޮށްފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު މިއަދު ވިދާޅުވީ، މިދުވަސްވަރަކީ ވީއައިއޭއަށް ވަރަށް ބާރުބޮޑު ދުވަސްވަރެއް ކަމަށާއި، އެއާޕޯޓުން އިރުޝާދު ދީފައިވާގޮތަށް ޗެކިންގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ދަތުރުވެރިންގެ ކިބައިން އެދޭކަމަށެވެ.

ފުރަންގޮސް ހުރި މީހަކަށް އެމްއޭސީއެލްގެ މުއައްޒަފަކު އިރުޝާދުދެނީ-- ފޮޓޯ/އެމްއޭސީއެލް

އެގޮތުން ފުރަން ޓިކެޓުގައި އޮންނަ ގަޑިއަށްވުރެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ގޮސް އަވަހަށް ޗެކިން ވުމަށް ސަމާލުކަން ދިނުމަށާއި، އިމުގާ ފޯމު ފުރަންޖެހޭ ދަތުރުވެރިން ޗެކިންކުރަން އަންނައިރު ފޯމު ފުރާ ނިންމުމަށް ސަމާލުކަންދިނުމަށްވެސް ޝަމްއާން ވިދާޅުވިއެވެ.

ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް އެއާލައިންތަކުގެ ޓިކެޓް ވިއްކާ ތަންތަނުން ބުނެފައިވާއިރު، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ ރަށްރަށަށްދާ މީހުންގެ އަދަދު ވެސް މިފަހަރު ވަރަށް ބޮޑަށް އިތުރުވާނޭކަމަށް އެފަރާތްތަކުން ބުނެއެވެ.

ސްކޫލް ބަންދާއި ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރާ ދިމާވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ހޯދާ ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ.

comment ކޮމެންޓް