ލ. ގަމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ހޮސްޕިޓަލްގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިވިއު ހަދުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތް ނިންމާލުމަށްފަހު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިފަދަ ބޮޑު ޕްރޮޖެކްޓެއްގައި ވަރަށް ގިނަ ދިރާސާ ކުރުމަށް ފަހު އަދި އެތައް މަރުޚަލާއެއް ކަޑައްތު ކޮށްގެން އަމަލީ މަސައްކަތް ފެށޭނީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަމު ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
ނަމަވެސް އޭގެ މަސައްކަތް ދިގު ލައިގެން ގޮސް އެކަމާ ގުޅިގެން އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކާއެކު ބައެއް ޕްރޮޖެކްޓުތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އަދި ކުންފުނިތަކަށް ވެސް އޭގެ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ.
ކެންސަރު ބައްޔަކީ އާއްމުވެފައިވާ ނުރައްކާތެރި ބައްޔަކަށް ވާއިރު އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އަދި އެ ބަލީގެ ފަރުވާ ރާއްޖެއިން ލިބެން ނެތުމުން ބޮޑެތި ކަންކަމަށް އަދިވެސް ޖެހެނީ ބޮޑެތި ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ދާށެވެ.
އެހެންކަމުން ރާއްޖޭގައި އިމާރާތްކުރާ ކެންސަރު ހޮސްޕިޓަލުން އެ ބަލީގެ ހުރިހާ ފަރުވާއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.