ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ލ. ގަމު ކައުންސިލާއި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ލ. ގަމުގައި އަޅަން ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި، ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެއްޖެއެވެ.

ރައީސް، މިހެން ވިދާޅުވީ ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވައި، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްގީގެ ވިސްނުން އޮޅުންފިލުއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއަރޕޯޓް އިންޓަނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫއުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއްކަމުގައި ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސް އާ މަޝްވަރާކޮށްފައެވެ.

މިގޮތުން ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫއުތަކެއް ބަޖެޓްކޮށްފައިވާއިރު އެ މަޝްރޫއުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫއާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި، ސުކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށާއި، ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކުރިއެވެ.

ކައުންސިލުން ރައީސް އާ އިތުރަށް ހިއްސާ ކުރި ކަންކަމުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

comment ކޮމެންޓް