ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާ --- ޓުވިޓާ ފޮޓޯ/ ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާންކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ރަށުގައި ހުންނަ ކައުންސިލްގެ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެ ރަށު ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި މި އަހަރު އިމާރާތްކުރި ތަނެކެވެ.

ހޯރަފުށި ކައުންސިލުން ކުރި އިއުލާނުގައި ބުނީ ސްކޫލް ހިންގުމަށް ކައުންސިލުން ދޭނީ ވަށާފާރު ރާނައި ގޭޓް ހަރުކޮށްފައިވާ 11،406 އަކަފޫޓުގެ ބިމެއްގައި ކޮށްފައިވާ އިމާރާތަކާއި ޕްލޭ ގްރައުންޑާއި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި ދަރިވަރުންނަށް ހާއްސަ ހަތަރު ފާހާނާ ކަމަށެވެ.

އެ އިމާރާތުގައި ތިން ކުލާސްރޫމާއި ޕްރިންސިޕަލް ރޫމަކާއި ސްޓާފް ރޫމަކާ އަދި ރިސެޕްޝަން އޭރިއާއެއް ވެސް ހުންނާނެއެވެ.

އިއުލާނުގައި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނޭ ގޮޑި އާއި މޭޒާއި ޕްލޭ ގްރައުންޑަށް ބޭނުންވާ ތަކެތި ވެސް ކައުންސިލުން ހޯދައިދޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ވަސީލަތްތައް ހޯދަން ޖެހޭނީ ސްކޫލު ހިންގުމާ ހަވާލުވާ ފަރާތުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެ ސްކޫލު ހިންގުމަށް ދޫކުރާނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. އަދި އެންމެ ދިގު މުއްދަތަކީ 15 އަހަރެވެ.

ކައުންސިލުން ކުރި އިއުލާނުގައި ބުނީ ސްކޫލުގެ އިމާރާތްތަކާއި ވަސީލަތްތައް، ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެގްރީމެންޓް ކުރެވޭ މުއްދަތަށް ދޭނީ އެއްވެސް ކުއްޔަކާ ނުލާ ކަމަށެވެ. އަދި ކުއްޔެއް ނުނެގުމުގެ މަގުސަދަކީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބޭނުމަކީ ތައުލީމީ ބިންގާ ހަރުދަނާ ކުރުން ކަމަށެވެ. އަދި އެކަމަކީ ހޯރަފުއްޓަށް ވަރަށް ފައިދާކުރަނިވި ކަމެއް ކަމަށާއި އެކަމާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް އޭނާ ވިދަޅުވިއެވެ.

"އަޅުގަަނޑުމެން ކައުންސިލުން މި ފަށާ ކަމަކީ ރަށުގެ މުސްތަގުބަލަށް މުހިއްމު ކަމެއް. ތައުލީމީ ބިންގާ ވަރުގަދަ ކުރުމަށް ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅެއް. ޒަމާނީ ވަސީލަތްތަކާއެކު ކުދިންނަށް ކިޔަވައިދިނުމަށް ވެސް ފަސޭހަތަކެއް ވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އެ ސްކޫލުގައި ވެސް ކިޔަވައިދޭން ފަށުމަކީ ކައުންސިލްގެ އަމާޒު ކަމަށެވެ.

comment ކޮމެންޓް