އާޖެންޓީނާގެ ސެލެބްރޭޝަން ބަސް ޕެރޭޑު މެދުކަނޑާލަން ޖެހިއްޖެ

އާޖެންޓީނާއިން ކުރިއަށް ގެންދިޔަ ސެލެބްރޭޝަން ބަސް ޕެރޭޑުގެ ތެރެއިން --

36 އަހަރަށްފަހު ފުރަތަމަ ފަހަރަށް އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕުގެ ތަށި އުފުލާލުމުގެ އުފާ ފާޅުކުރުމަށް، އެ ގައުމުގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ ސެލެބްރޭޝަން ބަސް ޕެރޭޑު، އެއްވެފައިވާ ސަޕޯޓަރުންގެ ސަބަބުން ކުރިއަށް ނުގެންދެވި މެދުކަނޑާލައިފިއެވެ.

8 ގަޑިއިރަށް ދިގު ދެމިގެންދާ ގޮތަށް ރޭވި މި ބަސް ޕެރޭޑު މެދުކަނޑާލަން ޖެހުނީ، މަގުތަކަށް އުފާފާޅު ކުރުމަށް އެއްވެފައި ތިބި ސަޕޯޓަރުންގެ އަދަދު ގިނަ ކަމުން، ބަސް ދަތުރު ކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިވުމާ ގުޅިގެންނެވެ.

މި ޕެރޭޑް މެދުކަނޑާލަން ޖެހުނުކަން ހާމަކުރީ އެ ގައުމުގެ ރައީސްގެ ތަރުޖަމާނު ގެބްރިއެލާ ކުރި ޓުވީޓެއްގައެވެ. "މަގުތަކުގައި އުފާފާޅުކުރަން އެއްވެފައި ތިބި ސަޕޯޓަރުންގެ ސަބަބުން ބަސް ޕެރޭޑް ކުރިއަށް ގެންދިއުންވީ ނާދިރު ކަމަކަށް" ގެބްރިއެލާގެ ޓުވީޓުގައި ބުނެފައިވެއެވެ.

އާދިއްތަ ދުވަހުގެރޭ ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި ކުޅުނު ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި، ފްރާންސްގެ މައްޗަށް އާޖެންޓީނާއިން ހޯދި ކާމިޔާބީއާއެކު މުބާރާތުގެ ޗެމްޕިއަންކަން އެ ގައުމަށް ލިބުމާ ގުޅިގެން އާޖެންޓީނާގެ ސަރުކާރުން ވަނީ އަންގާރަ ދުވަހަކީ އެ ގައުމުގައި ނެޝަނަލް ހޮލިޑޭއެއް ކަމަށް ނިންމައިފައެވެ.

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގަތަރުން އެނބުރި އާޖެންޓީނާއަށް އައުމަށްފަހު، އެ ގައުމުގެ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) ގެ ޓްރެއިނިން ކޮމްޕްލެކްސްއިން ކުޅުންތެރިން ނުކުތީ، 20 މޭލުގެ ދަތުރެއްގައި ބުއެނޯސް އައިރަސްގައި މި ދަތުރު ކުރިއަށް ގެންދިއުމަށެވެ.

ބަސް ޕެރޭޑު ބެލުމަށް އެއްވެފައި ތިބި ސަޕޯޓަރުންތައް ---

މި ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އެ ސިޓީގެ އޮބެލިސްކް މޮނިއުމެންޓާ ހަމައިންނެވެ. އެ ސަރަހައްދަށް އެތައް ލައްކަ ސަޕޯޓަރުންތަކެއް ޖަމާވެފައި އޮތުމާ ގުޅިގެން، އެ ސިޓީގެ ސަލާމަތީ ބާރުތަކުން އިލްތިމާސް ކޮށްފައިވަނީ، ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ނުދިނުމަށް މި ދަތުރު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. ބަހުން ފޭބުމުގެ ފުރުސަތު އާޖެންޓީނާގެ ގައުމީ ސްކޮޑަށް ނުލިބުމުން، އެ ސަރަހައްދު ދޫކޮށް ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން ދާން ޖެހުނީ ހެލިކޮޕްޓަރުގައެވެ.

އާޖެންޓީނާގެ ކާމިޔާބީ ފާހަގަކުރުމުގައި އެގައުމުގެ އެންމެހާ ރައްޔިތުން ބައިވެރިވަމުން އަންނައިރު، މިއީ 1986 ވަނަ އަހަރަށްފަހު ފުޓުބޯޅައިގައި އެ ގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެހެންނަމަވެސް މި ފަހުން، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް އެ ގައުމުން ކާމިޔާބު ކޮށްފައިވެއެވެ.

comment ކޮމެންޓް