މެސީ ނުފެނިގެން އުޅުނު ފަރާތްތަކަށް މެސީ ފެނުނީ ވޯލްޑް ކަޕްގެ ތަށްޓާއެކު

ލިއޮނެލް މެސީ، ވޯލްޑް ކަޕުގެ ޓްރޮފީއާއެކު --ފޮޓޯ/އިންސްޓަގްރާމް

ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕް 2022 މުބާރާތުގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗަށްފަހު އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަށެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށްކުޅެ އާޖެންޓީނާ ވަނީ 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެސީ އެވެ. އެއީ ޕެނަލްޓީއަކުން މެސީ ޖެހި ލަނޑެކެވެ.

އާޖެންޓީނާގެ ބައްޔަށްފަހު ގިނަ ބަޔަކު އެ ޓީމަށް ވޯލްޑް ކަޕުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބޭނެކަމަށް ބުނަމުންދިޔައިރު، މެޗަށްފަހު އެންމެ ބޮޑަށް "ވައިރަލް"ވީ، ސައުދީގެ ސަޕޯޓަރުންތަކެއް "ވެއާ އިސް މެސީ"އޭ ކިޔައި، މެޗުގައި މެސީގެ ކުޅުން ނުފެންނަކަމަށް ބުނެ ދައްކަމުން ދިޔަ ވާހަކަތަކެވެ.

އެ މަޗަށްފަހު ދެން އާޖެންޓީނާއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް، އިދިކޮޅު ޓީމުގެ ސަޕޯޓަރުންތައް މެޗުގެ ކުރިން ދިޔައީ "ވެއާ އިސް މެސީ"އޭ އަހަރި، މެސީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

''ވެއާ އިސް މެސީ'' ޓްރެންޑު ފެށި ސައުދީގެ ސަޕޯޓަރު --

އެހެންނަމަވެސް، ސައުދީ އަތުން ލިބުނު ހިތްދަތިކަމުން ހިތްވަރުލިބި، އާޖެންޓީނާއިންނާއި މެސީ ވެސް މި ވަނީ އެމީހުންގެ ފެންވަރު ދައްކާލައި، ފާޑުކީ މީހުންނަށް ވަރުގަދަ ރައްދެއް ދީފައެވެ. 36 އަހަރަށްފަހު ފީފާ ވޯލްޑް ކަޕުގެ ތަށި އުފުލާލައިގެންނެވެ.

ފާޑުކީ ފަރާތްތަކަށް މެސީގެ ރައްދު ތަފާތެވެ. ވޯލްޑް ކަޕުގެ ތަށި އުފުލާލުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ މެސީއެވެ. އަދި މުބާރާތުގައި ޖެހި ހަތް ލަނޑާއެކު މެސީ އަކީ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ.

މި ކާމިޔާބީތަކާއެކު މެސީ މިވަނީ ފުޓުބޯޅައިގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއަކާއި ޝަރަފެއް ހޯދައި، ފުޓުބޯޅަ "ކޮމްޕްލީޓް" ކޮށްފައެވެ. ފުޓުބޯޅައިގެ ދިގު ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ ބެލުމަށް ކުރަމުންދިޔަ ބަހުސް ނިމުމަކަށް ގެނެސް، ގިނަ ބައެއްގެ ނަޒަރުގައި މިއަދު މެސީ އަކީ ހަމަ ހަގީގަތުގައި ވެސް "ގޯޓް" އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ފަށައިގެން މެސީއަށް ފުރައްސާރަ ކުރަމުގެ ގޮތުން "ވެއާ އިސް މެސީ"އޭ އަހަމުން ދިޔަ ފަރާތްތަކަށް އޭނާ އެންމެފަހުން މި ފެނުނީ ވޯލްޑް ކަޕުގެ ތަށްޓާއެކު ނިދައި ހޭލި މަންޒަރެވެ. އެނދުމަތީގައި ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން މެސީ ނަގާފައިވާ ފޮޓޯތަކަށް، މުޅި ދުނިޔޭގެ ސަމާލުކަން މި ވަނީ ލިބިފައެވެ. އިންސްޓާގްރާމުގައި މެސީ ހިއްސާކުރި މި ފޮޓޯތަކަށް، މި އާޓިކަލް ލިއުމާ ހަމައަށް 40.6 މިލިއަން ލައިކް ލިބިފައިވެއެވެ. މިވަގުތު އިންސްޓާގްރާމުގައި ހަތަރުވަނައަށް އެންމެ ގިނަބަޔަކު ލައިކް ކުރި ޕޯސްޓަކީ، މި ފޮޓޯތައް ހިއްސާކޮށް މެސީ ކޮށްފައިވާ ޕޯސްޓެވެ.

ވޯލްޑް ކަޕުގެ ޓްރޮފީއާއެކު މެސީ ނަގާފައިވާ ފޮޓޯތައް --

އިންސްޓާގްރާމުގައި ތާރީޚުގައި ވެސް އެންމެ ގިނަ ލައިކް ލިބިފައިވާ ޕޯސްޓަކީ ވެސް މެސީގެ ޕޯސްޓެކެވެ. އެއީ ވޯލްޑް ކަޕުގެ ތަށްޓާއެކު މެސީއާއި އޭނާގެ ޓީމް މޭޓުން އުފާ ފާޅުކުރާ މަންޒަރު ދައްކައިދޭ ފޮޓޯއެއް ހިއްސާކޮށް މެސީ ކޮށްފައިވާ ޕޯސްޓަކަށެވެ. މި އާޓިކަލް ލިއުމާ ހަމައަށް އެ ޕޯސްޓަށް 65.1 މިލިއަން ލައިކު ވަނީ ލިބިފައެވެ.

(ކ) ސަޑިއޯ މާނޭ އެފްރިކަން ކަޕް އޮފް ނޭޝަންސް ޓްރޮފީއާއެކު އަދި (ވ) ލެވަންޑޮސްކީ ޔޫސީއެލް ޓްރޮފީއާއެކު --

ވޯލްޑް ކަޕުގެ ތަށްޓާއެކު މެސީ އެނދެއްގައި އޮށޯވެލައިގެން އޮންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތައް މިހާރު ވައިރަލް ވެފައިވާއިރު، މި ޓްރެންޑަކީ މީގެ ކުރިން މަޝްހޫރު އެތައް ބަޔަކު ފޮލޯ ކޮށްފައިވާ ޓްރެންޑެކެވެ. އެގޮތުން ސެނެގާލްއިިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމާއެކު ލިބުނު ޓްރޮފީ ހިފައިގެން އެ ޓީމުގެ ތަރި ސަޑިއޯ މާނޭ އެނދުމަތީގައި އޮވެ ނަގާފައިވާ ފޮޓޯއަކަށް ވެސް ގިނަބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އަދި އެއަށްފަހު ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއެކު ރޮބާޓް ލެވަންޑޮސްކީ ނަގާފައިވާ މިފަދަ ފޮޓޯއަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

comment ކޮމެންޓް