އެސްއެމްއީ ހަބް: ތަފާތު ކޮންސެޕްޓަކާއެކު ކުދި ވިޔަފާރިތައް އެންމެ އުހަށް

އެސްއެމްއީ ހަބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ހާދަ ހިތްގައިމު ފަހި މާހައުލަކުން، ހާދަ ސަޅި ފުރުސަތުތަކެއް ލިބޭ މޯލްއެކޭ،" މިއީ އެސްއެމްއީ ހަބުގެ ތެރެއަށް އެންމެ ފުރަތަމަ ވަދެގެން އަންނައިރު ކޮންމެ މީހަކަށް ވެސް ކުރެވޭނެ އިހުސާސެވެ.

މި ތަނަށް ޓޫރިސްޓުން ވެސް އައީ ވަންނަމުންނެވެ. އާންމުން ވެސް މި ތަން ބަލައިލާ ވާނުވާ އެނގިލަން ވަދެ އުޅުނެެވެ.

މައިކްރޯ އަދި ކުދި ވިޔަފާރިތައް ބާރުވެރި ކުރުވުމަށް ޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަނުގެ މުޅީން އާ މި ކޮންސެޕްޓަކީ ވިޔަފާރި އަލަށް ފަށައި، ޕްރޮމޯޓުކޮށްދިނުމަށް އެހީތެރިވުމުގެ ބޭނުމުގައި ހުޅުވި ތަނެކެވެ.

އެސްއެމްއީ ހަބުގެ އެންމެ ތިރީގައި ހުންނަ ގާޑެން ކެފޭ. މި ތަން ރީތިކުރަން ބޭނުންކޮށްފައިވާ ކޮންމެ ގަހަކީ ވެސް ވިއްކާ ގަހެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މޯލްއެއް ގޮތަށް ތަރައްގީކޮށްފައިވާ މި ހަބުގެ ތެރެއިން ފުރަތަމަ ވަދެވޭނީ ގާޑެން ކެފޭގެ ތެރެއަށެވެ. އެ ތަނުގައި އެކި ބާވަތުގެ ގަސް ބަހައްޓާފައި ހުރެއެވެ. އެއީ މުޅިން ވެސް ވިއްކަން ބަހައްޓާފައި ހުރި ގަސްގަހެވެ.

ހަމައެއާއެކު ފޮތް ކިޔުމަށް ޚާއްސަ ރީޑިން ސްޓޭޝަނެއް ވެސް އެންމެ ތިރީ ފްލޯގައި ހުރެެއެެވެ. އެ ތަނުން ވެސް ކޮންމެ ފޮތެއް ވެސް ގަނެވޭނެއެވެ.

ފޮތް ޝެލްފުތައް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހި ލިޔުންތެރިންނަށް އެ ތަނުގައި އެމީހުންގެ ފޮތް ބަހައްޓައި، ވިއްކަން އެސްއެމްއީ ހަބުން ފުރުސަތު ލިބޭނެއެވެ.

ފުރަތަމަ ފްލޯއަށް އަރައިގެން އަންނައިރު ލޯކަލް މާރުކޭޓުގެ ގޮޅިތަކެއް ސިފަވެދާނެއެވެ. ނަމަވެސް އެ ފެންނަނީ އެކި ބާވަތުގެ ކާނާއާއި ބުއިންތައް ވިއްކާ ކިއޮސްކްތަކެވެ. މީގެ 19 ކިއޮސްކެއް ހުންނައިރު މިހާރު ވެސް 16 ކިއޮސްކެެއްގައި ކުދި ވިޔަފާރިވެރިން އަންނަނީ އެ މީހުންގެ އުފެއްދުންތައް ވިއްކަމުންނެވެ.

ކިއޮސްކެއްގައި މަސައްކަތްކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"އިންސްޓަގްރާމް، ފޭސްބުކް ޕޭޖުތަކުން ހިންގާ ހުސް މައިކްރޯ ވިޔަފާރިތައް މިތަނަށް އައިސްފައި މިހުރީ. މިއީ ޕްރޮޑަކްޓް ޓްރައިލްކޮށްލަން ވަކި މުއްދަތަކަށް ޚާއްސަކޮށް ދޭ ކިއޮސްކްތަކެއް،" ބީސީސީން ބުންޏެވެ.

މިއީ ގޭތެރޭ ހުރި ވިޔަފާރިތައް ގެއިން ބޭރަށް ނެރެ ދައްކައިލަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބީސީސީއިން ބުނެއެވެ. މައިކްރޯ ވިޔަފާރިއެއް ނަމަ އެސްއެމްއީ ހަބުން އެ ފުރުސަތު އޮންނާނެއެވެ.

އޭގެ މައްޗަށް ދެވަނަ ފްލޯއަށް ދާއިރު ވަދެވޭނީ ގޭމިންގެ ދުނިޔެއަކަށެވެ. އެ ތަނުގައި ގޭމިން ފެސިލިޓީތައް ހުންނާނެއެވެ. މޭކަޕް ސެލޫންތައް ވެސް ހުންނާނެއެވެ.

ހަމައެއާއެކު 25 މީހުންގެ ޖާގައިގެ މިނީ ސިނަމާއެއް ވެސް މި ތަނުގައި ހުރެއެވެ. މީގެ އިތުރުން ކަރޯކޭ ޖައްސާލެވޭނެ ތަނެއް ވެސް ހުންނާނެއެވެ.

އެސްއެމްއީ ހަބުގައި ވިއްކަން ހުރި ގަސް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބީސީސީން ބުނި ގޮތުގައި، އަމިއްލަ ދިވެހި ވިޔަފާރިތަކުން ހަދައި، ފަށް ކަހަލަ ގަހަނާ ވިއްކާނެ ކިއޮސްކްތަކެއް ތަފާތު ޑިޒައިނަކަށް އެތަނުން ފެންނަން ހުންނާނެއެވެ.

މައިކްރޯ އަދި ކުދި ވިޔަފާރިތައް ވަރުގަދަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ ވިސްނުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީގެ އެސްއެމްއީ ހަބަކީ މުޅިން ތަފާތު ގޮތަކަށް އެ ވިޔަފާރިތައް ކުރިއަރުވަން ހުޅުވި ވިޔަފާރި ހަބެކެވެ. މި ތަނުގެ ޑިވެލޮޕްމަންޓް ޕާޓްނަރަކީ ވޯލްޑް ބޭންކެވެ. ޓެކްނޮލޮޖީ ޕާޓްނަރަކީ އުރީދޫއެވެ.

comment ކޮމެންޓް