ޕެނަލްޓީ ނާކާމިޔާބުވި ދެ ކުޅުންތެރިންނަށް ނަސްލީގޮތުން ދިމާކުރަނީ

ފުރައްސާރައާ ކުރިމަތިވި ފްރާންސްގެ ކުޅުންތެރިން --

ފީފާ ވޯލްޑް ކަޕް 2022ގެ ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ޕެނަލްޓީ ޝޫޓްއައުޓުގައި ބަލިވިއިރު، ފްރާންސްއިން ޕެނަލްޓީ ނާކާމިޔާބުވި ދެ ކުޅުންތެރިންނަށް ނަސްލީގޮތުން ފުރައްސާރަކުރަން ފަށައިފިއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ޕެނަލްޓީ ނާކާމިޔާބުވީ ކަޅު ނަސްލުގެ ދެ ކުޅުންތެރިއަކަށެވެ. އެއީ ކިންގްސްލީ ކޯމަންއާއި އޮރެއިލިއަން ޗުއަމެނީ އަށެވެ.

މީސްމީޑިއާގައި މި ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކޮށް، އެ ދެ ކުޅުންތެރިންނަށް ފްރާންސްގެ ގިނަ ބަޔަކު ފުރައްސާރަކޮށްފައިވެއެވެ.

އެގޮތުން އެ ދެ ކުޅުންތެރިންނާއި، މެޗުގެ އިތުރުވަގުތުގެ ދެހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފްރާންސްއަށް ލަނޑު ޖަހައިދޭން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ރެންޑަލް ކޯލޯ މުއާނީއަށް ނިސްބަތްކޮށް، ދޮންކެޔޮވަކާއި ރާމާމަކުނު އެމޯޖީ ބޭނުންކޮށް، ފުރައްސާރަ ކޮށްފައިވެއެވެ.

މި އެމޯޖީ ތަކަކީ ކަޅު ނަސްލުގެ އަދި އެހެން ބައެއް ނަސްލުތަކުގެ މީހުންނަށް ދިމާކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން މީގެކުރިން ވެސް ބޭނުންކޮށްފައިވާ އެމޯޖީ ތަކެކެވެ. މިފަހުން ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާއަށް ވެސް މި އެމޯޖީ ބޭނުންކޮށްގެން ފުރައްސާރަ ކޮށްފައިވެއެވެ.

އިންސްޓަގްރާމުގައި މި ކުޅުންތެރިންނަށް ފުރައްސާރަ ކުރަމުން ދިއުމާ ގުޅިގެން އެ ޕްލެޓްފޯމްގެ މައި ކުންފުނި، މެޓަ އިންވަނީ އެފަދަ ޕޯސްޓުތައް އިންސްޓަގްރާމުން ނަގާފައިވާ ކަމަށް ބުނެފައެވެ.

ކިންގްސްލީ ކޯމަންއަށް ކުރި ފުރައްސާރަތަކުގެ ސަބަބުން އޭނާ ކުޅެމުން އަންނަ ކުލަބު، ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ކޯމަންއަށް ފުރައްސާރަ ކުރުން އެ ކުލަބުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ބަޔާންގެ މުޅި އާއިލާ އޭނާއާއެކު ތިބި ކަމަށެވެ. އަދި ފުޓުބޯޅައިގައި ނަސްލީގޮތުން ތަފާތުކުރުން ގެންގުޅޭނެ ޖާގަ ނުދޭނެ ކަމަށާއި، އެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މި ތިން ކުޅުންތެރިންނަށް ނަސްލީ ގޮތުން ތަފާތުކޮށް ފާޑުކިޔާފައިވާއިރު، މިދިޔަ އަހަރު ބޭއްވި ޔޫރޯ 2020 މުބާރާތަށްފަހު އިންގްލެންޑް ޓީމުގައި ހިމެނޭ ތިން ކުޅުންތެރިއަކަށް ވެސް އެފަދަ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެއީ މާކަސް ރަޝްފޯޑާއި ބުކާޔޯ ސަކާަގެ އިތުރުން ޖޭޑަން ސަންޗޯ އެވެ.

އެ ތިން ކުޅުންތެރިންނަކީ ޔޫރޯ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވިއިރު ޕެނަލްޓީ ނާކާމިޔާބުވި ތިން ކުޅުންތެރިންނެވެ.

comment ކޮމެންޓް