ފީފާ ވޯލްޑް ކަޕުގައި ކްރޮއޭޝިއާއަށް ލިބުނު ކާމިޔާބަށް ފަހު، ޗުއްޓީ ހޭދަކޮށްލުމަށް އެޓީމުގެ ތަރި ލުކާ މޮޑްރިޗް, މިއަދު ރާއްޖެ އަތުވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މޮޑްރިޗް ރާއްޖެއަައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ރާއްޖެ އަައީ އާއިލާއާ އެކު، ވޯލްޑްރޮފް އެސްތޯރިއާގައި ޗުއްޓީ ހޭދަ ކުރުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ނިމުނު ވޯލްޑްކަޕަކީ ކްރޮއޭޝިއާއަށް ކާމިޔާބު މުބާރާތެއްކަމަށް ބުނެވިދާނެއެވެ. އެ ޓީމު ވަނީ ވޯލްޑްކަޕްގެ ތިން ވަނަ ހޮވާ މެޗު ކުޅެ އެ ޝަރަފްވެރި މުބާރާތުގެ ތިން ވަނަ ހޯދައިފައެވެ.
ކްރޮއޭޝިއާއިން މި އަހަރުގެ ވޯލްޑްކަޕަށް ނިކުތީ މުބާރާތުގެ ފައިނަލުގައި ކުޅުމުގެ އަޒުމުގައެވެ. ސަބަބަކީ 2018 ވަނަ އަހަރުގެ މުބާރާތުގައި ވެސް އެ ޓީމު ވަނީ އެ އަހަރުގެ ފައިނަލުގައި ކުޅެފައެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފްރާންސް އަތުން އެ ޓީމު ވަނީ ބަލިވެފައެވެ.
މިއަހަރުގެ ވޯލްޑްކަޕްގައި ކްރޮއޭޝިއާއިން ހޯދި ތިން ވަނައާއެކު އެ ޓީމު ވަނީ ވޯލްޑްކަޕްގައި ތިން މެޑެއްޔެއް ހޯދައިފައެވެ. އެއީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ހޯދި ލޯ މެޑަލްގެ އިތުރުން މިދިޔަ މުބާރާތުގެ ރަނާއަޕްގެ ގޮތުގައި ހޯދި ރިހި މެޑަލްއެވެ.
ކްރޮއޭޝިއާއިން ފަހަކަށް އައިސް ވޯލްޑްކަޕްގައި ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އެ ޓީމުގެ ކެޕްޓަން މޮޑްރިޗްގެ ތަފާތު މޮޅު ކުޅުން އެކުލެވޭކަމަށް ފުޓުބޯޅަ ދިރާސާކުރާ ގިނަ ބަޔަކު ބުނެއެވެ.
ކްރޮއޭޝިއާ އަދި ކުލަބު ފުޓުބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑުގެ މެދު ތެރޭގައި ކުޅޭ މޮޑްރިޗަކީ އުފެއްދުތެރި މިޑްފީލްޑަރެކެވެ. ކްރޮއޭޝިއާގެ ތާރީހުގައި އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ މޮޑްރިޗަކީ އެ ގައުމަށް ފަސް ވަނައަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 162 މެޗުގައި 23 ގޯލު ޖަހައިފައެވެ.
އުމުރުން 37 އަހަރުގެ މޮޑްރިޗް އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެ ކާމިޔާބީއާއެކު އޭނާ ވަނީ މެސީއާއި ރޮނާލްޑޯ ބަހާލައިގެން ހޯދަމުން އައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑިއޯ އެވޯޑް ވެސް އެ އަހަރު ކާމިޔާބުކޮށްފައެވެ.
މޮޑްރިޗް ކުޅެމުން އަންނަ ލަލީގާ އަލުން ފެށުމަށް ނިންމާފައި ވަނީ މި މަހުގެ 29 ގައެވެ.