ފޭނުންނަށް ޝުކުރު އަދާކުރީ ފްލައިޓުން ފުންމާލައިގެން!

އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް މިއަހަރު ފެނިގެންދިޔަ ފިލްމު "ޓޮޕް ގަން" އަށް ލިބުނު ކާމިޔާބީއަށް ތަފާތު ގޮތަކަށް ފޭނުންނަށް ޝުކުރު އަދާކޮށްފިއެވެ.

ކްރޫޒް ވަރަށް ޒުވާން ދުވަސްވަރުގައި ލީޑުން ފެނިގެންދިޔަ ފިލްމު "ޓޮޕް ގަން"ގެ ސީކުއަލް "ޓޮޕް ގަން: މެވަރިކް" ވަނީ މިއަހަރު ނެރެފައެވެ. އެ ފިލްމަކީ މިއަހަރު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.

ފޭނުންގެ ފަރާތުން ފިލްމަށް ލިބުނު ތަރުހީބަށް ކްރޫޒް ޝުކުރު އަދާކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. އޭނާގެ ފޭނުންނަށް އޭނާ ޝުކުރު އަދާކޮށްފައިވަނީ ދަތުރުކުރަމުން ދިޔަ ފްލައިޓަކުން ފުންމާލައިގެން ވެއްޓެމުން ދަނިކޮށެވެ.

ކްރޫޒް ލީޑުން ފެނިގެންދާ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ޑެޑް ރެކަނިން"ގެ ޝޫޓީން އަށް އޭނާ މިވަގުތު ގޮސް ހުރީ ދެކުނު އެފްރިކާއަށެވެ. އެ ފިލްމުތަކުގެ މަންޒަރަކަށް ކްރޫޒްގެ ކެރެކްޓަރު ފްލައިޓަކުން ފުންމާލައެވެ. މި ސްޓަންޓް ހަދަނީ ކްރޫޒް އަމިއްލައަށެވެ.

ފިލްމުގެ ޝޫޓިންގެ ތެރެއިން ފްލައިޓުން ފުންމާލުމުގެ ކުރިން ކްރޫޒް ބުނެފައި ވަނީ ފޭނުުން ދިން ސަޕޯޓަށް ޝުކުރުވެރި ވާ ކަމަށެވެ. އަދި ފުންމާލުމަށްފަހުގައި ވެސް އޭނާ ވާހަކަ ދައްކަމުން ދިޔައީ ފޭނުންނާއެވެ. އާ ފިލްމަށް ބޭނުންވާ ޝޮޓުގެ ތެރެއިން ފޭނުންނަށް ޝުކުރު އަދާކުރަމުން ކްރޫޒް ބުނެފައިވަނީ ފޭނުންގެ ފަރާތުން އަބަދުވެސް ލިބޭ ލޯތްބަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޓޮޕްގަން މެވަރިކް އަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އޭގެތެރެއިން އެމެރިކާއިން އެކަނިވެސް ވަނީ 692 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ޓޮޕްގަންގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 1986 ގައެވެ. އޭރު ކްރޫޒްގެ އުމުރަކީ 24 އަހަރެވެ.

comment ކޮމެންޓް