ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަނީ

ލ. ގަން. -- ފޮޓޯ/ވިޒިޓް ލާމު ފޭސްބުކް

ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރު، އެކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދީ، އެ ކައިވެނި ކުރުމަށް ހުއްދަ ދީފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. މައްސަލަ ބެލުމަށް އެކޮމިޝަނުން މިހާރު ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މެޖިސްޓްރޭޓް ކޯޓުތަކަށް ބެލޭނީ އެކޯޓެއްގެ ޖުޑީޝަލް ދާއިރާގެ ތެރޭގައި ހިމެނޭ ޖިނާއީ، މަދަނީ އަދި އާއިލީ މައްސަލަތައް އެކަންޏެވެ.

ބެލެވޭ ގޮތުގައި، ޖޭއެސްސީން ބަލަމުން ދަނީ ގަމު ކޯޓުގެ ޖުޑީޝަލް ދާއިރާގައި ނުހިމެނޭ ބައެއްގެ ކައިވެނި ކޮށްދިން މައްސަލައެކެވެ.

comment ކޮމެންޓް