ކައުންސިލުން ނަގާ ލޯނަށް ވެސް ދައުލަތުން ގެރެންޓީ ދޫކުރާނެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކައުންސިލުތަކުން ނަގާ ލޯނުތަކަށް ދައުލަތުން ގެރެންޓީ ދޫކުރާ ގޮތަށް، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނެސްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓުގައި ޝާއިއު ކުރި އެ އުސޫލުގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ ކޮން ފަރާތްތަކަކަށްކަން ބަޔާން ކޮށްފައިވެއެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކާއި، ރާއްޖޭގައި ވިޔަފާރި ކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތައް ހިމެނެއެވެ.

އެ އުސޫލަށް ގެނައި އިސްލާހުގައި ވަނީ އެ ކުންފުނިތަކުގެ އިތުރުން ކައުންސިލުތަކާއި ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކަށް ވެސް ގެރެންޓީ ދޫކުރެވޭނެ ކަމަށެވެ.

އެ އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިންގް މަޝްރޫއުތައް ހިންގުމަށެވެ.

އޭގެ އިތުރުން ތަރައްގީގެ މަޝްރޫއުއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއު ހިންގުމަށާއި ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާ މާލީ މުއާމަލާތްތައް ކުރުމަށް ވެސް ގެރެންޓީއަށް އެދެވޭނެއެވެ. ނަމަވެސް އަމިއްލަ ފަރުދުންނަށް، އެ އުސޫލުގެ ދަށުން ގެރެންޓީ ދޫނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އުސޫލުގައި ބުނީ ގެރެންޓީ ކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، 'ވޭރިއަބަލް އިންޓަރެސްޓް' އުނި ކުރުމުން އަންނަ އަދަދު 3.5 ޕަސެންޓަށް ވުރެ މަތި ނުވާނެ ކަމަށެވެ.

ނަމަވެސް ގައުމުގެ އިގްތިސާދީ ހާލަތާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓާއި، ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގްސަދަށާއި ދަރަނި ނެގުމުގެ މުހިންމު ކަންކަމަށް ބެލުމަށްފަހު ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފު ނުވާ ގޮތަށް މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދުމުން އެ ޝަރުތު އިސްތިސްނާ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ގެރެންޓީއަށް އެދި ހުށަހަޅަން ޖެހޭނީ ގެރެންޓީ އެޕްލިކޭޝަން ފޯމް މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީއަށެވެ.

comment ކޮމެންޓް