ސިއްހީ ދާއިރާއަށް ގިނަ އަދަދަކަށް އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: ޑަބްލިޔުއެޗްއޯ

ޑަބްލިއުއެޗްއޯ އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ ޕޫނަމް ކެތްރަޕާލް ސިންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދަކަށް އިންވެސްޓް ކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ ޕޫނަމް ކެތުރަޕާލް ސިންގް މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ރައީސްއާ ބައްދަލުކުރެއްވުމަށް ފަހުގައެެވެ. އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްއާއި، ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޑަބްލިއުއެޗްއޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖް ކުރެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އޭނާ ވަނީ ރާއްޖެއިން ކޮވިޑަށް ފަހު ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ހަމަހަމަކޮށް، އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެކަމަނާ ވަނީ ރާއްޖޭގެ ސީއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދަކަށް އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 ޕަސެންޓް ޚަރަދު ކުރަނީ މި ދާއިރާ ކުރިއެރުވުމަށްކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ވަނީ އެކަމަނާއަކީ، ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއްކަން ފާހަގަކުރައްވައި، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ވެސް ތައުރީފު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ވަނީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް