ނައިބު ރައީސްގެ އުމްރާ ދަތުރު ލިބުނީ އެކަމަށް ކެތްމަދުވެފައި ހުރި ކުއްޖަކަށް

ނައިބު ރައީސް އަރިހުގައި ފައިނަލް މެޗު ބަލައިގެން އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔާ --

ނައިބު ރައީސް ފައިސަލް ނަސީމް އަރިހުގައި، ފުވައްމުލަކުގައި ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން ދިޔަ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް އުމްރާ ދަތުރެއް އެމަނިކުފާނު ހަދިޔާ ކުރައްވައިފިއެވެ.

ރޭ ފްރާންސް އާއި އާޖެންޓީނާ ކުޅުނު ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު ބެލުމުގެ އިންތިޒާމް ނައިބު ރައީސް އިސްވެ ހުންނަވައި ހަމަޖައްސަވާފައި ވަނީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލްގައެވެ. މި އިވެންޓް އިންތިޒާމް ކުރި ފަރާތުން "ސަން"އަށް ބުނީ ފައިނަލް މެޗު ބެލުމަށް 600 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށާއި، ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އެކަމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

މެޗު ބަލަން ދިޔަ މީހުންގެ ތެރެއިން ނަސީބުވެރިން ހޮވާފައި ވަނީ ފުރަތަމަ ހާފުން ފެށިގެން މެޗު ބަލަން ހޯލުގައި ތިބި މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ. ނަސީބުވެރިންނަށް ބޮޑެތި އަގުހުރި އިނާމްތަކެއް ލިބިފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކުރިން އިއުލާން ކުރެއްވުމަކާ ނުލައި ނައިބު ރައީސް ހުށަހެއްޅުވި އިނާމެއް ކަމަށްވާ އުމްރާ ދަތުރެކެވެ.

އުމްރާ ދަތުރު ލިބިފައިވަނީ އުމުރުން އަށް އަހަރުގެ ރާނިއާ އަބްދުﷲ އަށެވެ. "ސަން" އާ ވާހަކަދައްކަމުން ރާނިއާގެ މަންމަ އައިޝަތު ސައީދު ބުނީ މި ދަތުރަކީ ލިބޭނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި ދަތުރެއް ނޫން ކަމަށެވެ.

"ހަމަ މެޗު ބަލާލަން ދިޔައީ، އެއްގޮތަކަށްވެސް ހިޔެއް ނުކުރަން ލިބޭނެ ކަމަކަށް. ދަރިފުޅު ވަރަށް ދާން ބޭނުންވެފަ ހުއްޓަ ލިބުނީ އެހެންވެ ވަރަށް އުފާވި، ދަރިފުޅުވެސް ވަރަށް އުފާވެފަ ހުރީ،" އޭނާ ބުންޏެވެ.

އައިޝަތު އިތުރަށް ބުނީ، ކުރިއަށް އޮތް ދުވަސްތަކަކީ އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އޯލެވެލް އިމްތިހާން އޮންނަ ދުވަސްވަރު ކަމަށް ވާތީ އެ ދުވަސްވަރު އެއްވެސް ދަތުރެއް ކުރަން ގަސްތު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެއަށްފަހު ރާނިއާ އާއެކު ދެމައިން އުމްރާއަށް ދިއުމަށް ގަސްތު ކުރާ ކަމަށް އައިޝަތު ބުންޏެވެ.

ފުވައްމުލަކުގައި ނައިބު ރައީސާއެކު ވޯލްޑް ކަޕް ފައިނަލް މެޗު ބަލަން ދިޔަ ނަސީބުވެރިޔަކަށް ލިބުނު ހަދިޔާއަކާއެކު އޭނާ ހުއްޓިލައިގެން --

މީގެ އިތުރުން، ނަސީބުވެރިންނަށް ލިބުނު އިނާމްތަކުގެ ތެރޭގައި އެޗްޑީޓީވީ އަކާއި، އެލްމޮބައިލްގެ ފަރާތުން ހުށަހަޅާފައިވާ އައިޕެޑަކާއި، ދަމާސްގެ ފަރާތުން ދޭ ސޯފާ ސެޓް އަދި އިނާ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ދުބާއީ ދަތުރެއްވެސް ހިމެނެއެވެ.

ރާއްޖެއަށް ޓީވީގެ ޚިދުމަތް ދެވުމުގެ ކުރީން، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގެ މެޗްތައް ވަގުތުން ބޮޑު ސްކްރީނުގައި ފުވައްމުލަކުގައި ބެލޭނެ އިންތިޒާމް ހަމަޖައްސައި ދެއްވީ ނައިބު ރައީސެވެ. އެ ވޯލްޑްކަޕަށް ފަހުވެސް، ފުވައްމުލަކުގެ އެކި ހިސާބުތަކުގައި ކޮންމެ ވޯލްޑް ކަޕެއްގައިވެސް ރައްޔިތުންނަށް މެޗު ބެލުމުގެ އިންތިޒާމް އެމަނިކުފާނު ގެންދަވަނީ ހަމަޖައްސައި ދެއްވަމުންނެވެ.

comment ކޮމެންޓް