ހދ. ނޮޅިވަރަމް، ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު މަރުވެފައި އޮއްވައި ފެނުނީ މީގެ ނުވަ ދުވަސް ކުރިންނެވެ. އޭނާގެ މަރުގެ ތުހުމަތުކުރެވެނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ، އަބޫބަކުރު ފައިސަލަށެވެ.
އޭނާގެ މަރަށް ގިނައިރުތަކެއް ނުވަނީސް ހަމަ އެ ދުވަހު މެންދުރު ފައިސަލް ކުޅުދުއްފުށްޓަށް ފުރިއެވެ. އޭނާ އަމިއްލައަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަސް ހާޒިރުވުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ.
ނަމަވެސް އޭގެ ދެ ދުވަސް ފަހުން އިވުނީ ފައިސަލް، އޭނާ ބަހައްްޓައިފައި ހުރި ގޮޅީގައި އަމިއްލައަށް ދަންޖެހި މަރުވާން މަސައްކަތްކުރި ޚަބަރެވެ.
އޭނާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ގާތްގަނޑަކަށް ހަފުތާއެއްހައި ދުވަހު ބޭއްވުމަށްފަހު ޑޮކްޓަރުންވަނީ އޭނާ މަރުވިކަން މިއަދު ޔަގީންކޮށްދީފައެވެ.
ނިޝާމާ އާއި އޭނާގެ ފިރިމީހާ އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް ވަރަކަށް އަހަރު ވެފައިވާއިރު ހަގު ދަރިފުޅު އުޅެނީ ބޭބީ ނާސަރީގައެވެ.
އެ ތިން ކުދިންނަށް ހަފުތާއެއްހައި ދުވަހުގެ ތެރޭ އެ ކުދިންގެ މައިންބަފައިން އުމުރަށް ގެއްލުނީއެވެ.
"އެ ކުދިންނަށް ފެންނާނެ އެ ދުވަހުގެ މަންޒަރުތައް. އަޅުގަނޑުމެން ރުއި އަޑާއި އަޅުގަނޑުމެން އުޅުނު ގޮތް ފެންނާނެ. ވަރަށް އަސަރުކުރާނެ އެ ކުދިންނަށް،" ނިޝާމާގެ އެއްބަނޑު އެއްބަފައި ދޮށީ ދައްތަ އިނާޔާ މުހައްމަދު މިއަދު "ސަން"އަށް ކިޔައިދިނެވެ.
ނިޝާމާގެ އާއިލާއިން ބުނި ގޮތުގައި ފައިސަލްގެ އާއިލާއަށް އެ ކުދިން ބަލަހައްޓަން ދިނުމަކީ، އެ އާއިލާއިން ކުރާނެ ކަމެއް ނޫނެވެ. އަދި ރުހޭނެ ކަމެއް ވެސް ނޫނެވެ.
"މަންމައާއި ބައްޕަ ވަކިވި ނަމަވެސް އެ އުނިކަން އިހުސާސްވިޔަ ނުދޭނަން. އެހާ ރަނގަޅަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ދަރިން ބަލާނަން،" އިނާޔާ ބުންޏެވެ.
އިނާޔާ ބުނީ، ނީޝާމާގެ މަރު ހުއްޓުވެން ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެ ކަން ކުރާނެކަމަށެވެ. ނަމަވެސް ނިޝާމާއަށް އަނިޔާއެއް ލިބެމުން ދިޔަކަން ނުވަތަ އެ ނޫން ވެސް ވޭނެއް ތަހައްމަލުކުރިކަން އެނގިފައިނުވާކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ދެރަވޭ. އަޅުގަނޑުމެން އަަޅައިނުލައިގެން ވީ އިހުމާލަކުން ވީ ކަމެއްކަމަށް ދެއްކުމަކީ އާއިލާއަށް ލިބޭ ވަރަށް ބޮޑު ދެރައެއް. އަޅުގަނޑުމެންގެ ގޭގެ ހިޔާވަހިކަމުގެ ދަށުގައި އެ ފަދަ އަނިޔާއެއްކުރާކަށް ފުރުސަތު ވެސް ނުދޭނަން،" އިނާޔާ ކިޔައިދިނެވެ.
ނިޝާމާގެ މަރުގެ ހަގީގަތް ހޯދަން، އެ މަރުގެ ތުހުމަތުކުރެވޭ ފައިސަލް ވެސް މަރުވުން ވާނީ އިތުރު ގޮންޖެހުމަކަށެވެ. އާއިލާއިން ނުރުހުނު ނަމަވެސް ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުން ނޫން ގޮތެއް ދެން ނެތްކަމަށް ވެސް އޭނާގެ އާއިލާއިން ބުނެއެވެ.
"އެންމެ ފުރަތަަމަ ދުވަހު ވެސް އަޅުގަނޑުމެން ބުނިން ބޭނުމެއް ނޫނޭ. މަރުވެއްޖެ މީހަކު ކޮންމެ ގޮތެއް ހެދި ނަމަވެސް އަލުން ނާންނާނެ ދޯ. ދެން ފުލުހުންނަށް އެއްބާރުލުން ދޭން ވެގެން އަޅުގަނޑުމެން ވެސް އެއްބަސްވީ،" އިނާޔާ ބުންޏެވެ.