އިޓަލީގެ ގައުމީ އެއާލައިން އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން އައި ފުރަތަމަ ފްލައިޓު-- ފޮޓޯ/އެމްއޭސީއެލް

އިޓަލީގެ ގައުމީ އެއާލައިން އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އައިޓީއޭގެ ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ 11:21ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

އިއްޔެ އައި އައިޓީއޭގެ ފްލައިޓުން 300 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިއީ މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް ފެށި ދަތުރުތަކެކެވެ. މި ދަތުރުތައް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެމްއޭސީއެލްއިން ބުނީ އައިޓީއޭއިން ކޮންމެ ހަފުތާއަކު ދެ ފްލައިޓު ރާއްޖެ އަންނާނޭކަމަށެވެ. މި ދަތުރުތައް ކުރާނީ އިޓަލީގެ ރޯމް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ.

އައިޓީއޭ އެއާވޭސްގެ ބޯޓަށް ވޯޓާ ސެލިއުޓް އަރުވަނީ-- ފޮޓޯ/އެމްއޭސީއެލް

އިޓަލީން ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާ ދިމާކޮށް އެ ގައުމުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވައެވެ. މީގެ ކުރިން އަލް އިޓަލީއާގެ ދަތުރުތައް ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ބާއްވަމުން އައި ނަމަވެސް، 2021 ވަނަ އަހަރު މާލީގޮތުން ކުރިމަތިލާން ޖެހުނު މައްސަލަތަކާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

އޭގެ ބަދަލުގައި އިޓަލީ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ވަނީ އައިޓީއޭގެ ދަތުރުތައް ފަށާފައެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ޒަމާންވީ އެއް މާކެޓަށްވާ އިރު އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުވެސްމެއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށް 89،000 ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް