ތިންވަނަ ތަރިއަށް ބޮޑު ދެބާރެއްގެ ފަހު ހަނގުރާމަ

ފޮޓޯ/ޔާހޫ ސްޕޯޓްސް ---

ފީފާ ވޯލްޑް ކަޕަކީ ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތެވެ.

މި މުބާރާތަށްޓަކައި މުބާރާތް ބާއްވާ ގައުމާއި، މުބާރާތުގައި ވާދަކުރާ ގައުމުތަކުން ވެސް އެތައް އަހަރުތަކެއް ކުރިން ތައްޔާރީތައް ފަށައެވެ. ރަނގަޅު ކޯޗެއް އައްޔަނު ކުރުމާއި، ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށްޓަކައި ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކުރެއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ 22 ވަނަ އެޑިޝަނަށް ވެސް، ގައުމުތަކުން ހަމަ މިފަދައިން ތައްޔާރީތައް ވެފައިވެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ގަތަރުގެ އިންތިޒާމްތަކަށް އެތައްބައެއްގެ ތައުރީފުގެ ބަސްތައް އޮހުނުއިރު، މިއީ ހައިރާން ކުރުވަނިވި ކަންތައްތަކެއް ފެނިގެންދިޔަ ވޯލްޑް ކަޕެކެވެ.

ފުޓުބޯޅައިގެ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށްފަހު، ހީނުކުރާ ޓީމުތަކުން މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި މުބާރާތަކީ، 20 ވަނަ ގަރުނުގައި ފެނިގެންދިޔަ ފުޓުބޯޅައިގެ އެންމެ ބޮޑެތި ބައެއް ތަރިންނަށް ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުކަމުން، މުބާރާތުގެ ހާއްސަކަން އެތައް ގުނައެއް ވަނީ އިތުރުވެފައެވެ.

މި މުބާރާތުގައި ގައުމުތަކުން ކުރި "ބެޓްލް" ތަކަށްފަހު، ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ފަހު "ބެޓްލް" އަށް، ފުޓުބޯޅައިގެ ގަދަ ދެ ބާރެއް މިވަނީ ތައްޔާރުވެފައެވެ.

ފައިނަލް "ބެޓްލް" ނުވަތަ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ވާދަކުރާނީ މިހާތަނަށް ދެ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ، އެންމެފަހުގެ ކޮޕޭ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާއި ވޯލްޑް ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސެވެ.

ފްރާންސް

ފޮޓޯ/ފްރާންސް އެފްއޭ --

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު ޑިފެންޑިންގް ޗެމްޕިއަނުންގެ ގޮތުގައި މިފަހަރުގެ މުބާރާތަށް ފްރާންސްއިން ނުކުތީ ފޭވަރިޓުންގެ ގޮތުގައެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުއެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، މުހިންމު ބައެއް ކުޅުންތެރިންތަކެއް ނުލައި ވެސް ފްރާންސުން ވަނީ އެ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ދައްކާލާފައެވެ.

މުބާރާތުގައި ފްރާންސް ބަލިވެފައި ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން އެކަންޏެވެ. އެއީވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން ޓީމުގެ ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްގެން ކުޅުނު މެޗެއްގައެވެ.

ކިލިއަން އެމްބާޕޭ؛ ތައްޔާރުވަނީ ބޮޑު ޝަރަފެއް ހޯދުމަށް

މިހާރު އުމުރުން 23 ވަނަ އަހަރުގެ އެމްބާޕޭ ސީނިއާ ގައުމީ ޓީމަށް ކުޅެންފެށީ 2017 ވަނަ އަހަރުގެ މާޗު މަހުގައި އުމުރުން އެންމެ 18 އަހަރުގައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފްރާންސްގެ ސްކޮޑުގައި ހިމެނި އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފްރާންސަށް މުބާރާތް ކާމިޔާބު ކުރެވުމުގައި ވެސް އެމްބާޕޭގެ ދައުރު ބޮޑެވެ. މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސްއިން ކްރޮއޭޝިއާގެ މައްޗަށް 2-4 އިން ކުރިހޯދިއިރު އެ މެޗުގައި ވެސް އެމްބާޕޭ ވަނީ ލަނޑު ޖަހާފައެވެ. އެ މުބާރާތުގައި އެމްބާޕޭ ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހާފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާއެވެ.

އޭގެ ހަތަރު އަހަރުފަހުން މި ފަހަރުގެ މުބާރާތުގައި ވެސް އެމްބާޕޭ ފެނިގެންދަނީ އެންމެ ތަފާތު، އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ފައިނަލް މެޗާ ހަމައަށް ފްރާންސް ދަތުރުކުރިއިރު އެމްބާޕޭ މިހާތަނަށް ފަސް ލަނޑު ޖަހާދީފައި ވާއިރު، އޭނާ އަކީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ.

މި ފަހަރުގެ މުބާރާތް ފްރާންސްއިން ކާމިޔާބު ކޮށްފިނަމަ، އެމްބާޕޭ ވާނީ، ބްރެޒިލްގެ ޕެލޭއަށްފަހު 23 އަހަރުގައި ނުވަތަ އެއަށްވުރެ ހަގު އުމުރެއްގައި ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕެއް ކާމިޔާބު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މި ޝަރަފު ޕެލޭ ހޯދާފައި ވަނީ 21 އަހަރުގައެވެ.

އާޖެންޓީނާ

ފޮޓޯ/ އާކެމްޓޯމާ އެފްއޭ --

މުބާރާރުގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވުމާއެކު، ގިނަބަޔަކު ހީކުރީ އާޖެންޓީނާއަށް މުބާރާތުގައި މާބޮޑު ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ.

އެހެންނަމަވެސް ޓީމުގެ ކޯޗު، ސްކަލޯނީ ބުނެފައި ވަނީ، އާޖެންޓީނާއަށް މުބާރާތުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ ވެސް އެ މެޗުންވީ ބައްޔާ އެކުގައި ކަމަށެވެ.

އާޖެންޓީނާއިން ވެސް މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައިވީ ނަމަވެސް، އެއީ މީގެ 36 އަހަރު ކުރިން 1986 ވަނަ އަހަރުގައި އަދި އޭގެކުރިން 1978 ވަނަ އަހަރުއެވެ. ފަހުގެ ތާރީހެއްގައި އާޖެންޓީނާއަށް ވޯލްޑް ކަޕުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕް ކަން ހޯދުމެވެ.

ސައުދީ އަތުންވީ ބައްޔަށްފަހު ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އާޖެންޓީނާއިން ފައިނަލާ ހަމައަށް ދަތުރުކުރީ ވަރަށް ފުރިހަމަ ކާމިޔާބީ އަކާއި އެކުއެވެ.

ލިއޮނެލް މެސީ

މެސީ އަކީ ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށް ހާއްސަ އެންމެހާ އެވޯޑަކާއި ޝަރަފެއް އަދި ކުލަބާއި ގައުމީ ޓީމުގައި ވެސް ހޯދޭނެ ހުރިހާ ކާމިޔާބީއެއް، ވޯލްޑް ކަޕް މެނުވީ ހޯދާފައިވާ ކުޅުންތެރިއެކެވެ.

އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕަށް މުޅި އާޖެންޓީނާ ޓީމު ވެސް ނުކުތީ މެސީގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް، މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.

މިއީ މެސީގެ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށްވާއިރު، މިއީ ހުދު އޭނާ ވެސް އެންމެ ކާމިޔާބު ކުރަން ބޭނުންވާނެ ޓްރޮފީއެވެ.

މި މުބާރާތުގައި ވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ފަސް ލަނޑު ޖަހާފައެވެ. އޭގެތެރެއިން ތިން ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބު ކޮށްފައިވާ ލަނޑުތަކެކެވެ.

މެސީ - އެމްބާޕޭ: ވޯލްޑް ކަޕުގެ ތަފާސްހިސާބު

ފޮޓޯ/ދަ ސަން --

މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އަދި މި ދެ ޓީމުގެ ވެސް ވާދަވެރިކަން ފެނިގެންދާނެ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރުއެވެ. މި މެޗު ކުޅޭނީ ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައެވެ.

comment ކޮމެންޓް