އެމްޓީސީސީއަށް 42: ރައްޔިތުންގެ އިތުބާރު ހާސިލްކޮށް، ގިނަ ކާމިޔާބީތަކެއް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މީގެ 42 އަހަރު ކުރިން 1980 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އުފެއްދީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫތައް ހިންގައި، ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމްޓީސީސީއަކީ ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އެކި ދާއިރާތަކުން ޚިދުމަތް ދެމުން އަންނަ ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ޕަބްލިކް ކުންފުންޏަކީ ވެސް އެމްޓީސީސީއެވެ.

ފާއިތުވި 40 އަހަރު ތެރޭ އެމްޓީސީސީ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.

އެމްޓީސީސީގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭ އެއްވެސް ވަރުބަލިކަމެއް ނެތި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރީ އެ ކުންފުނިން ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ކުރުމަށް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދުމަށްކަމަށެވެ.

"އެމްޓީސީސީގެ ޓީމުންވަނީ މި ކަން ކުރުމުގައި ފުރިހަަމަ މަސައްކަތެއްކޮށްފައި. މިއަދު މި ލިބެނީ އެ ކަމުގެ ފުރިހަމަ ފޮނިމީރުކަން. މި ކާމިޔާބީ ދަމަހައްޓަން މިއަަދު، 42ވަނަ އަހަރީ ދުވަހު އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިހާރު ވެސް އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100އާ ގާތްކުރާ އަދަދަކަށް އަންނަނީ މަޝްރޫއު ހިންގަމުންނެވެ. އެއީ ކުރިން އެ ކުންފުންޏަށް ހިންގޭ އަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

މީގެ އިތުރުން އެ ކުންފުނިން ދޭ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރުމަކީ ވެސް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.

އެ ކަމުގައި ވެސް ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ. އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ދޭ ސްޕީޑު ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން މިހާރު އެ ކުންފުނީގެ މަސައްކަތްތަކާއި ޚިދުމަތްތައް ބައްޓަންކުރަމުން އަންނަނީ އާންމުންނަށް ވީހާވެސް އެކުވެރިކޮށް، ގާތުން ޚިދުމަތް ދެވޭ ފަދަ ގޮތަކަށެވެ. އެ ކުންފުނިން ދެކޭ ގޮތުގައި އެއީ ރައްޔިތުންގެ އިތުބާރު އިތުރަށް ހާސިލްކުރުމަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ފާއިތުވި ތިން އަހަރުގެ ތެރޭ ވެސް ކުންފުނީގެ ހިންގުމަށް އިތުރު ކުރިއެރުން ލިބި، ކުންފުނީގެ ވަސީލަތްތައް އިތުރުކޮށް ވަރުގަދަ ކުރެވެމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

މި ވަގުތު އެމްޓީސީސީގައި 3،000އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެ މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމާއި މުވައްޒަފުންގެ ޚިދުމަތް ރަނގަޅުކުރުމަށް ޓަކައި ވެސް އެމްޓީސީސީން ޚާއްސަ އިސްކަމެއް ދޭކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު އެ ކުންފުނީގެ އުންމީދަކީ މިހާރަށްވުރެ ބޮޑަށް ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ކުރިއަރުވައި، ރައްޔިތުންނާ ގާތުން އެ ރައްޔިތުންގެ އިތުބާރާއެކު މަސައްކަތްކުރާ ކުންފުންޏަކަށް ހެދުންކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް