ދިވެހި އެނަލިސްޓުންގެ ބަސްމަގާމެދު ރައީސް މައުމޫންގެ ކަންބޮޑުވުން

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފީފާ ވޯލްޑް ކަޕް 2022ގެ މެޗުތައް ލައިވްކޮށް ގެނެސްދޭ ރާއްޖޭގެ ޓީވީ ޗެނަލްތަކުން ގެނެސްދޭ ޕްރީ/ޕޯސްޓް ޝޯތަކުގައި، ދިވެހި އެނަލިސްޓުންގެ ބަސްމަގު ހުންނަ ގޮތާމެދު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ،

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ، ބައެއް ދިވެހި ''ކޮމެންޓޭޓަރުން'' ބައެއް ޓީމުތަކަށް ނިކަމެތި ބަސް ރައްދުކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

މައުމޫން ކަންބޮޑުވުން ފާޅުކުރެއްވީ ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި ރޭ މޮރޮކޯގެ މައްޗަށް ކްރޮއޭޝިއާއިން ކުރިހޯދި މެޗާ ގުޅިގެން މީޑިއާއަކުން ގެނެސްދިން ޝޯއެއްގައި ދިވެހި އެނަލިސްޓުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެގޮތުން ވޯލްޑް ކަޕުގެ ހަތަރުވަނަ ހޯދުން އެއީ މޮރޮކޯއަށް ބޮޑު ޝަރަފެއްކަން ހާމަކޮށް، ދެއްކި ވާހަކައަކާ ގުޅިގެން ރައީސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ރޭވެސް އެބުނީ މި މުބާރާތް ފެށުނުއިރު އެކަކުވެސް ނުބުނާނެއޯ މޮރޮކޯ މިހިސާބަށް އަންނާނެއެކޭ. ސާބަސް!" މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައި ވާއިރު، ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މޮރޮކޯއިން މުބާރާތުގެ ސެމީ ފައިނަލެއްގައި ކުޅުން މިއީ ފުރަތަމަ ފަހަރެވެ. އަދި އެފްރިކާ ބައްރުގެ ގައުމަކަށްވެސް އަދި އަރަބި އިސްލާމީ ގައުމަކަށް ވެސް ވޯލްޑް ކަޕުގެ ސެމީ ފައިނަލެއްގައި މީގެކުރިން ކުޅެވިފައި ނުވާއިރު، މި ފަހަރުގެ މުބާރާތުގެ ސެމީގައި ކުޅެ މޮރޮކޯއިން ވަނީ ފުޓުބޯޅައިގައި ތާރީޚާއި، ތަފާސްހިސާބަކީ ބަރޯސާވާން ޖެހޭ އެއްޗެއް ނޫންކަން ހާމަކޮށްދީ އެތައް ބަޔަކު ހައިރާން ކޮށްލާފައެވެ.

ވޯލްޑް ކަޕުގެ މެޗުތަކުގެ ޕްރީ/ޕޯސްޓް ޝޯ ތަކުގައި ބައެއް އެނަލިސްޓުން ދައްކާ ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ބައެއް ފަހަރު އާންމުންވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެގޮތުން ދާދިފަހުން ދިވެހި އެނަލިސްޓަކު "ހަމުން ކަޅު" ދެ ކުޅުންތެރިންނޭ ބުނެ ސްޕެއިންގެ ދެ ކުޅުންތެރިއަކަށް ނިސްބަތްކުރުމާ ގުޅިގެން ވެސް ގިނަ އާންމުންތަކެއް ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައިވެއެވެ.

މޮރޮކޯއަށް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އާދެވިދާނެ ކަމަށް ދިވެހި އެނަލިސްޓަކު ބުނުމާ ގުޅިގެން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެމަނިކުފާނަކީ ދިވެހި އެނަލިސްޓުންނަށް ބޭރުގެ ބައެއް ފުޓުބޯޅަ ކުޅުންތެރިންގެ ނަންތައް ކިޔާނެގޮތުގެ އިރުޝާދުވެސް ދެއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް