މޯލްޑިވްސް ޕޯޓްސް ލިމިޓެޑް "އެމްޕީއެލް"އިން އިންތިޒާމްކޮށްގެން ބާއްވާ "އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް 2022" ފޯރަމް މިއަދު ހެނދުނު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ފަށައިފިއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގެ ޕެނަލިސްޓުންގެ ތެރޭގައި ކުންފުނީގެ އިސްވެރިންނާއި ދާއިރާއާ ގުޅޭ ގިނަ ތަޖުރިބާކާރުން ހިމެނިވަޑަގަންނަވައެވެ. އަދި ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަންދޫބުން ވެސް ބައިވެރިވެއެވެ.
މިއީ އެމްޕީއެލްއިން މިފަދަ ފޯރަމެއް އިންތިޒާމްކުރާ ފުރަތަމަ ފަހަރެވެ. މި ފޯރަމްގެ މަގުސަދަކީ، އީއާރުއެމްގެ މުހިންމުކަމަށް އަހުލުވެރިކަން އިތުރުކޮށް، ރިސްކް މެނޭޖްމަންޓަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމެވެ.

އެމްޕީއެލް ފޯރަމްގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް
ފޯރަމް ހުޅުވުމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ދެއްކެވި ވާހަކަފުޅުގައި އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލާފައެވެ. އަދި އެ ކުންފުނިން މިފަދަ ފޯރަމެއް އިންތިޒާމުކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި ރިސްކް މެނޭޖްމަންޓާ ގުޅޭ އިތުރު ބައްދަލުވުންތައް ބާއްވާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ފޯރަމްގެ ޕެނަލިސްޓުން:
- އާސިމް މުހައްމަދު - ރައީސް/ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް
- ޝާހިދު އަލީ - ސީއީއޯ/ އެމްޕީއެލް
- މުހައްމަދު މުއިއްޒު - ޗީފް ފައިނޭންސިން އޮފިސާ/ އެމްޕީއެލް
- އިބްރާހީމް ޒާހިރު - ޗީފް ރިސްކް އޮފިސާ/ އެމްޕީއެލް
- އިބްރާހީމް ފަޒީލް - އެސިސްޓެންޓް އޮޑިޓާ ޖެނެރަލް/ އޮޑިޓާ ޖެނެރަލްގެ އޮފީސް
- އަބްދުﷲ ލީމާން ޒާހިރު - ޗީފް އިންޓާނަލް އޮޑިޓާ/ މޯލްޑިވިއަން
- މުހައްމަދު ޝަރާހު - ފައިނޭންޝަލް ކޮންޓްރޯލާ/ އެޗްޑީސީ
- އައިޝަތު ނިހާ - އެސިސްޓެންޓް ޑިރެކްޓަރު/ އެޗްޑީސީ