ބައެއް ނޫސްވެރިންގެ އެކައުންޓްތައް ޓްވިޓާއިން ސަސްޕެންޑްކޮށްފި

ބިލިޔަނަރު އެލަން މަސްކް --- ފޮޓޯ: އޭއެފްޕީ

ޓްވިޓާގެ ވެރިޔާ، މަހުޖަނު އީލޯން މަސްކްގެ ޒާތީ މައުލޫމާތުތައް ހާމަ ކުރާކަމަށް ބުނެ ބައެއް ނޫސްވެރިން ޓްވިޓާއިން ބޭރުކޮށްފިއެވެ.

ފާއިތުވި ދުވަސްތަކުގައި ބައެއް ނޫސްވެރިންގެ އިތުރުން މަޝްހޫރު އެހެން މީހުން ވެސް ޓްވިޓާއިން ބޭރުކުރަން ފަށާފައި ވަނީ، މަސްކްގެ ޕްރައިވެޓް ޖެޓް ޓްރެކްކުރާ އެކައުންޓެއް ކަމަށްވާ "އީލޯންޖެޓް" ސަސްޕެންޑު ކުރުމަށް ފަހުގައެވެ. މީގެ ކުރިން މަސްކް ވަނީ އެ އެކައުންޓަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެ އެކައުންޓުގެ ވެރިފަރާތަކީ މަހުޖަނުން ގެންގުޅޭ ޕްރައިވެޓް ޖެޓްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމަށް އަލި އަޅުވާލުމަށް އެފަދަ އިތުރު އެކައުންޓުތަކެއް ވެސް ހަދާފައިވާ، ޖެކް ސްވީނީ ކިޔާ މީހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަސްކް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އެއްވެސް މީހެއްގެ އެކައުންޓުން އެހެން މީހެއް އެވަގުތަކު ހުރި ތަނެއްގެ މައުލޫމާތު ހިއްސާ ކުރުމަކީ ނުރައްކަލެއް ކަމަށް ވާތީ އެފަދަ މައުލޫމާތު ހިއްސާ ކުރާ އެކައުންޓްތައް ސަސްޕެންޑް ކުރާނެ ކަމަށެވެ.

އެއަށްފަހު މަސްކް ވަނީ އޭނާއަށް ފާރަލި މީހަކު، އޭނާގެ ދަރިފުޅު އިން ކާރެއްގެ ފަހަތުން ގޮސް، އެ ކާރު ހުއްޓުވައި، ކާރުގެ މައްޗަށް އެރި ކަމަށް ބުނެފައެވެ. އެ މީހާ އެ ކާރު ފަހަތުން ދިޔައީ އެ ކާރުގައި މަސްކް އިން ކަމަށް ހީކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ސްވީނީއާއި އެކަމާ ގުޅުން ހުރި އިތުރު ޖަމިއްޔާތަކަކަށް ވެސް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް މަސްކް ބުންޏެވެ.

މަސްކްއާ ބެހޭ ގޮތުން ޓްވީޓް ކުރާ ބައެއް ނޫސްވެރިންގެ އެކައުންޓްތައް ޓްވިޓާއިން ސަސްޕެންޑްކޮށްފައި ވާއިރު އޭގެ ތެރޭގައި ނިއުޔޯކް ޓައިމްސްގެ ރަޔާން މެކް، ސީއެންއެންގެ ޑޮނީ އޯ ސުލިވަން، ވޮޝިންޓަން ޕޯސްޓްގެ ޑްރޫ ހާވެލް، މޭޝަބަލްގެ މެޓް ބައިންޑާ، އާރޮން ރުޕާ އަދި ޓޯނީ ވެބްސްޓާ ހިމެނެއެވެ.

އެ ނޫސްވެރިންނަށް ބައިވެރިވޭ ގޮތަށް ހެދި ޓްވިޓާ ސްޕޭސް ލައިވް އޯޑިއޯ ޗެޓެއްގައި މަސްކް ބުނީ އެ މީހުންނަށް ފިޔަވަޅު އެޅީ ފޭސްބުކާއި މަސްޓޮޑޮން ފަދަ އެހެން ޕްލެޓްފޯމްތަކުގައި ހަދާފައިވާ "އީލޯންޖެޓް" އެކައުންޓްތަކުގެ ލިންކްތައް ޓުވީޓް ކުރުމުން ކަމަށެވެ.

ޓްވިޓާއިން ވަނީ މިހާރު މަސްޓޮޑޮން ކުންފުނީގެ ޓްވިޓާ އެކައުންޓް ވެސް ސަސްޕެންޑްކޮށްފައެވެ. އެ އެކައުންޓް ވެސް ސަސްޕެންޑު ކުރީ އީލޯންޖެޓް ޕޭޖުގެ ލިންކެއް ޓްވީޓް ކުރުމުންނެވެ. ޓްވިޓާ އިން ވަނީ އެ ސައިޓުގެ އެއްވެސް ލިންކެއް އެ ޕްލެޓްފޯމްގައި ޕޯސްޓް ނުކުރެވޭ ގޮތް ހަދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު