މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީގެ އެލުމްނައި އެވޯޑް ޑރ. ޝަހީމަށް

އައިޔޫއެމްގެ ރެކްޓާ ޕްރޮފެސަރު ޑރ. ޒުލްކިފްލި ޑރ. ޝަހީމަށް އެވޯޑު ހަވާލުކުރައްވަނީ -- ފޮޓޯ: ޑރ. ޝަހީމް

މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)ގެ އެލުމްނައި އެވޯޑް, ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާސިލްކުރައްވައިފިއެވެ.

މި އެވޯޑަކީ އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރުމަށްފަހު، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ މީހުންނަށް ދޭ އެވޯޑެެކެވެ.

ޑރ. ޝަހީމަށް މި އެވޯޑު އެރުވީ، މިއަދު ހެނދުނު އެ ކަމަށް އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ރެކްޓާ ޕްރޮފެސަރު ޑރ. ޒުލްކިފްލެވެ. ޑރ. ޝަހީމަށް ލިބިލެއްވީ އެލުމްނައި ޓޯކޯ އެވޯޑެވެ.

މިއީ އެ ޔުނިވާސިޓީގެ އެލުމްނައިންގެ ތެރޭގައި ތިބި ދަރިވަރުންގެ ތެރެއިން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޚިދުމަތްކުރާ، ފާހަގަކޮށްލެވޭ ޝަޚްސިއްޔަތަކަށް ދެވޭ އެވޯޑެވެ.

އެ މަނިކުފާނު ވިދާޅުވީ މި އެވޯޑު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި އެވޯޑު ހާސިލްވި ކަމަށްޓަކައި އެމަނިކުފާނުގެ އާއިލާއަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އައިއައިޔޫއެމްގެ ރެކްޓާ ޕްރޮފެސަރު ޑރ. ޒުލްކިފްލި ޑރ. ޝަހީމަށް އެވޯޑު ހަވާލުކުރައްވަނީ -- ފޮޓޯ: ޑރ. ޝަހީމް

"ޚާއްސަކޮށް އަޅުގަނޑަށް ލީޑާޝިޕްގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ ރާއްޖޭގެ އަޅުގަނޑަށް އެ ކަމަށް ފުރުސަތު ދެއްވި ފަރާތްތަކުގެ ދީލަތިކަމުން ކަމަށް ވެސް އަޅުގަނޑު ގަބޫލްކުރަން. އެބޭފޫޅުންނަށް ވެސް އަޅުގަނޑު ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ވެސް މި އެވޯޑު ހޮވާލެވޭ އެއް ޝަޚްސިއްޔަތަކަށް ދޭއިރު މިއީ ދިވެއްސަަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

މި އަހަރު ޑރ. ޝަހީމަށް ވަނީ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ އެލުމްނައި ލީޑާޝިޕް އެވޯޑު ވެސް ލިބިލައްވައިފައެވެ.

އެެހެންކަމުން ޑރ. ޝަހީމް މިހާތަނަށް ތައުލީމް ހާސިލްކުރެއްވި ހުރިހާ ޔުނިވާސިޓީއަކުން ވެސް ދޭ އެންމެ މަތީ ޝަރަފު ވަނީ ހާސިލްކުރައްވާފައެވެ.

ޑރ. ޝަހީމަކީ ރާއްޖެ އާއި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

އެގޮތުން ރާއްޖޭގައި އިސްލާމިކް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވުމާއެކު، އެ މިނިސްޓްރީ އިތުރަށް ހަރުދަނާ ކޮށްދެއްވުމަށް ޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. ހައްޖު ކޯޕަރޭޝަން ހިންގުމާއި، ޒަކާތު ފަންޑު ހަރުދަނާކޮށް ކުރިއެރުވުމަކީ ވެސް ޝަހީމްގެ ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ.

ހަމައެއާއެކު ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ވެސް ޑރ. ޝަހީމެވެ. އޭނާ ވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ވެސް ކުރައްވާފައެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ޑރ. ޝަހީމްގެ މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި، އިންޓަނޭޝަނަލް އިސްލާމިކް އެންސައިކްލޮޕީޑިއާ ކޮމިޓީގެ އިންޗާޖުކަން ކުރުމާއި، އިސްލާމީ ގައުމުތަކުގެ އެންމެ މަތީ ޖަމިއްޔާ ކަމަށްވާ އޯއައިސީގައި އިސް މަގާމުތައް ފުރުއްވުން ވެސް ހިމެެނެއެވެ.

comment ކޮމެންޓް