އަމިއްލަ ތިން ދަރިންގެ މަންމަ، ނިޝާމާ މުޙައްމަދު، މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި، އަބޫބަކުރު ފައިސަލް ފުލުހުންގެ ގޮޅީގައި ދަން ޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި 15 ދުވަހަށް ބަންދު ކޮށްފައި ހުރި ފައިސަލް ރޭ 11:15 ހާއިރު ދަންޖެހިފައި ހުއްޓައި ފެނިފައިވާއިރު، މި ހާދިސާ އާ ގުޅިގެން ފުލުހުންގެ އިހުމާލު ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން މެމްބަރު އާދަމް ޝަރީފް އުމަރު "ސަން" އަށް ވިދާޅުވީ، ފައިސަލް އަކީ މީގެކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެއްކަން އެނގޭ އިރު، އެފަދަ މީހަކު ބަންދުގައި ބަހައްޓާއިރު އޭނާ ކޮށްފާނޭ ކަމަކަށް ފުލުހުން ސަމާލުވާން ޖެހޭ ކަމަށެވެ. އަދި، ހެކި ނައްތާލުން ނުވަތަ އަމިއްލަ ފުރާނަ ނަގާލަން އުޅުން ފަދަ ކަންކަން ކުރުމުން އިންސާފު ހޯދުމުގައި އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވާނީ ނިޝާމާގެ އާއިލާއަށް ކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އެވަރު މީހަކު ބަންދުގައި ހުންނަ އިރު ފުލުހުން ހުޝިޔާރުވާން ޖެހޭނެ. ފުރަތަމަ ކަމަކަށް އޭނާއަށް ގޮޅީގައި ދަންޖެހުމަށް މަގުފަހި ވާފަދަ އެއްވެސް ކަމެއް ހުރެގެންވެސް ނުވާނެ. މި ހާދިސާއާ އެކު ރައްޔިތުންގެ މެދުގައި ފުލުހުންނަށް އޮންނަ އިތުބާރު އަނެއްކާވެސް ގެއްލިގެން މިދަނީ. ފުލުހުންގެ އިހުމާލު ނެތި މިވަރު ކަމެއް ނުވާނެ. މި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރެވެން ޖެހޭނެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، ފައިސަލް އެފަދަ އަަމަލެއް ހިންގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމަށް ބެލެވޭނެ ކަމެއް ކަމަށެވެ.
ބަންދުގައި ބަހައްޓާ މީހުންނާމެދު އަމަލު ކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، "ކަސްޓޯޑިއަލް މެނޭޖްމަންޓް މެނުއަލް" ނަމަކަށް ކިޔާ އުސޫލަކަށް ފުލުހުން އަންނަނީ އަމަލުކުރަމުންނެވެ. އެ އުސޫލު ބުނާގޮތުން ކުށްވެރިން ބައިތިއްބާ ހުރިހާ ގޮޅިއެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަބަދުވެސް މޮނީޓާ ކުރަން ޖެހޭނެއެވެ.
އަދި މަދުވެގެން ކޮންމެ ގަޑިއިރަކުން އެއް ފަހަރު ޑިއުޓީ އޮފިސަރު ގޮޅިތައް ކައިރިއަށް ގޮސް ބަލަން ޖެހޭނެއެވެ. ވަކީން ޚާއްސަކޮށް އަމިއްލަ ނަފުސަށް ގެއްލުމެއް ދީފާނެ ކަމަށް ބެލެވޭ މީހެއްނަމަ ޚާއްސަ ސަމާލުކަމެއް ދީގެން މޮނީޓާ ކުރަން ޖެހޭއިރު އެފަދަ ގެއްލުމެއް ދެވޭނެ އެއްވެސް އާލާތެއް ގޮޅީގައި ހުރެގެން ނުވާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ފައިސަލްއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޖަލުގައި އަނިޔާ ކުރުމާއި އިހުމާލުން މަރުވުމަކީ ރާއްޖޭގައި ކުރިން އާންމު ކަމެއް ނަމަވެސް، އެއީ މިހާރު އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ. ޖަލުތަކުގެ މައްސަލަތަކަށް އަދިވެސް ރަނގަޅު ހައްލެއް ނުލިބޭކަން ފައިސަލްގެ މި ހާދިސާއިން ހާމަވެގެން ގޮސްފައިވާ ކަމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބުނަމުންނެވެ.