ނޭމާގެ އެނބުރިއައުން ވަރުގަދަވާނެ، އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕް ކުޅެވޭނެ: ރޮނާލްޑޯ

ނޭމާ --ފޮޓޯ/ގެޓީ އިމޭޖަސް

ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ގާބިލްކަން ނޭމާގެ ކިބައިގައި އެބަހުރި ކަމަށް، ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.

"ހަވަނަ ތަރި" ހޯދުމުގެ އަޒުމުގައި މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލި ބްރެޒިލް މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ޕެނަލްޓީ ޝޫޓުއައުޓުގައި ބަލިވުމާ ގުޅިގެންނެވެ.

މި ނާކާމިޔާބީއަށްފަހު ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އެހެންނަމަވެސް ނޭމާ ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައި ނުވާކަމަށާއި، ކުރިމަގާއިމެދު ގޮތެއް ނިންމާނީ މަޝްވަރާކުރަން ޖެހޭ މީހުންނާ މަޝްވަރާކޮށް އަމިއްލައަށްވެސް އެ ކަމާއިމެދު ވިސްނުމަށްފަހުގައި ކަމަށެވެ.

ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ތަރި ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

އުމުރުން 30 އަހަރުގެ ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރޮނާލްޑޯ ބުނީ، ބްރެޒިލްގެ ގައުމީ ޓީމަށް ވޯލްޑް ކަޕްގައި ނެރެވުނު ނަތީޖާއާމެދު ނޭމާ ހުރީ ވަރަށް ދެރަވެފައިކަން އެނގޭ ކަމަށާއި، އޭނާގެ ވިސްނުން މިހާރު ހުންނާނެ ގޮތްވެސް އެނގޭ ކަމަށެވެ. އެހެންނަމަވެސް އެ ހިތާމައިން އަރައިގަނެވުމުން އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވޭނެ ކަމާއިމެދު އޭނާގެ އަމިއްލަ ނަފަސަށް ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށް ރޮނާލްޑޮ ބުންޏެވެ.

ރޮނާލްޑޯ އިތުރަށް ބުނީ، ގައުމީ ޓީމާއެކު ނޭމާގެ އެނބުރިއައުން ވަރުގަދަވާނެ ކަމާއިމެދު ޝައްކު ނުކުރާ ކަމަށާއި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނޭމާ ބްރެޒިލްގެ ގައުމީ ޓީމުން ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބްރެޒިލްއާއެކު ނޭމާއަށް މިހާތަނަށް ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާގެ ފަރާތުން އެޓީމަށް ގިނަ ފައިދާތަކެއް ކުރެއެވެ. އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕުގައި ނޭމާ ކުޅުނު ދެ މެޗުގައި އޭނާ ލަނޑު ޖަހާފައިވާއިރު، އެ ދެ ލަނޑާއެކު ނޭމާ ވަނީ ބްރެޒިލްގެ ގައުމީ ޓިމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ރެކޯޑު ހަދާފައިވާ ޕެލޭއާ ލަނޑުގެ ގޮތުން އަރައި ހަމަ ކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް ބްރެޒިލްގެ ޖާޒީގައި 77 ލަނޑު ޖަހާފައިވެއެވެ.

2026 ވަނަ އަަހަރުގެ ވޯލްޑް ކަޕު ކުޅޭނީ ތިން ގައުމެއްގެ 16 ސިޓީއެއްގައެވެ. އެއީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގެ ސިޓީ ތަކުގައެވެ. އެ މުބާރާތް ވާނީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ޓީމުތައް ވާދަކުރާނެ މުބާރާތަށެވެ. އެގޮތުން މުޅިން އަލަށް ފީފާ ވޯލްޑް ކަޕެއްގައި 48 ޓީމު ވާދަކުރާނެއެވެ.

އެހެންކަމުން ގްރޫޕް ސްޓޭޖަށްފަހު ދެން އޮންނާނީ ގަދަ 32 ޓީމުގެ ދެމެދުގައި ކުޅޭ ނޮކްއައުޓް ބުރެކެވެ. އެއަށްފަހު ރައުންޑް އޮފް 16 އަދި ކުއާޓާ ފައިނަލާއި، ސެމީ ފައިނަލުގެ އިތުރުން ފައިނަލް މެޗު ކުޅޭނެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕު ކުޅޭއިރު ނޭމާއަށް ވާނީ އުމުރުން 34 އަހަރެވެ. ބްރެޒިލްގެ ގައުމީ ޓީމުގައި މިފަހަރު ހިމެނުނު ތިއާގޯ ސިލްވާއާއި ޑެނީ އަލްވޭޒްގެ އުމުރަކީ 39 އަދި 38 އެވެ.

comment ކޮމެންޓް