އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ އަގު ބޮޑު ކުރަނީ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން ހާމަކޮށް އެހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން ތަކެތީގެ އަގު އުފުލި ޚިދުމަތް ދިނުމަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ އަގުތައް ބޮޑުކުރަން ނިންމާފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ އަގަށް ގެންނަ ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބައި ބަޔަށް ބަހާލައިގެންނެވެ. އަދި އެކި ޚިދުމަތްތަކުގެ އަގަށް އެކި ވަރަށް ބަދަލު ގެންނަން ހަމަޖެހިފައިވާއިރު، އެވަރެޖްކޮށް ޚިދުމަތްތަކުގެ އަގުތަކަށް އަންނާނީ 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ބަދަލެއް ކަމަށް އެ ހޮސްޕިޓަލުން އަންދާޒާ ކޮށްފައިވެއެވެ.

އަގުތަކަށް ގެންނަން ނިންމާފައިވާ ބަދަލުގެ ތަފްސީލް އެ ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭޑީކޭއިން ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ދަށަށް ދިއުމާއެކު އާންމުކޮށް ބޭނުންކުރާ ގިނަ ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ. އަދި އަންނަ އަހަރުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއާއެކު ތަކެތީގެ އަގު އިތުރަށް އުފުލޭނެއެވެ.

comment ކޮމެންޓް