ކޮވިޑުން އަރައިގަތުމަށް ސަފާރީތަކުން ކުރި މަސައްކަތްތައް ފާހަގަކޮށްލެވޭ: މައުސޫމް

މޯލްޑިވްސް ބޯޓިންގ އެވޯޑް ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ކޮވިޑް ބަލިމަޑުން އަރައިގަނެ ރާއްޖޭގެ އިޤްތިސާދު ހިތްދެމިލުމަށް ޓޫރިޒަމް ސިނާއަތުން ކުރި މަސައްކަތުގައި ސަފާރީތަކުން އަދާކުރި ދައުރު ފާހަގަކޮށްލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނު ރޭ ބޭއްވި މޯލްޑިވްސް ބޯޓިންގ އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ޓޫރިޒަމް ދާއިރާއިން ކުރި މަސައްކަތްތަކަކީ މުޅި ދުނިޔެއަށް ނަމޫނާ މަސައްކަތްތަކެއް ކަމަށާއި، އެކަން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ފާހަގަކުރާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކުރި މަސައްކަތްތަކުގައި ސަފާރީތަކުން އަދާކުރި ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަފާރީތަކުން ކުރި މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރާކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ސަފާރީތަކުން ވަނީ އެޗްޕީއޭއިން އެންގި އެންގުމަށްވުރެ ފުރިހަމައަށް އުސޫލްތަކުގައި ހިފަހައްޓާފަ. ވެކްސިން ޖެހުމާއި ސާމްޕަލް އުފުލައިދިނުމުގައިވެސް ސަފާރީތަކުން އަދާކުރި ދައުރަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

ސަފާރީއެއް. ފޮޓޯ/މޯލްޑިވްސް މެގަޒިން

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސަފާރީ އިންޑަސްޓްރީއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އެންމެ ދުވަސްވީ އެއް ދާއިރާ ނަމަވެސް އެދާއިރާއަށް ހުރި ގޮންޖެހުންތައް އަދިވެސް ބޮޑުކަމަށެވެ. މިގޮތުން ސަފާރީތަކަށް ބަނދަރެއް ނެތުން ފަދަ މައްސަލަތައް ހުރިއިރު، އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 159 ސަފާރީ ހިންގަމުން ދެއެވެ. ރާއްޖޭގެ ޓޫރިޒަމުގައި ރިސޯޓު ދާއިރާ ނަގާފައި ސަފާރީ އަކީ އެންމެ ގިނަދުވަސްވީ އެއް ދާއިރާއެވެ. ރާއްޖެއަށް ފަތުރުވެރިކަން 1972 ވަނަ އަހަރު ތައާރަފްވި އިރު، 1980 ގެ ކުރިން ގެސްޓުން ގޮވައިގެން ސަފާރީތައް ދުއްވަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް