ސަރުކާރުން އަޅާނުލުމުން ކައުންސިލް ބައްދަލުވުން ރަށް ގިރާ ސަރަހައްދުގައި!

މާމެންދޫގެ ކައުންސިލުން އެ ރަށު ގިރާ ސަރަހއްދުގައި ބޭއްވި ބައްދަލުވުން --- ފޮޓޯ/ މާމެންދޫ ކައުންސިލް

ގއ. މާމެންދޫގެ އުތުރު ފަރާތުގެ ރަށް ގިރުމުގެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަން ގެނައުމަށް އެ ރަށު ކައުންސިލްގެ މި ދައުރުގެ 78 ވަނަ ޖަލްސާ ރަށް ގިރާ ސަރަހައްދުގައި ބާއްވައިފިއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒް "ސަން"އަށް ވިދާޅުވީ ރަށް ގިރާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެއަތޮޅަށް ދަތުރުފުޅެއް ކުރެއްވުމުގެ ކުރިން އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ރައްޔިތުންނަށް މިއީ ބޮޑު ތަކުލީފެއް!

ރަށް ގިރުމުގެ ސަބަބުން އެރަށުގެ އެ ސަރަހައްދާ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ ބޮޑު ތަކުލީފެކެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އެ ސަރައްހަދުގެ ގެތަކުގެ ވަޅު ފެނު ލޮނު ވުމެވެ.

މާމެންދޫން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރީ މީގެ ފަސް އަހަރު ކުރިން ކަމަށާއި، ރަށް ގިރަމުން އައި ނަމަވެސް އޭރު ފެނަށް އަސަރެއް ނުކުރާ ކަމަށެވެ.

"މިހާރު ތަނުގެ ފެން ވަނީ ވަރަށް ބޮޑަށް ލޮނު ވެފައި. އެހެންވެ މިހާރު މި އުޅެނީ މަންމަމެން ގެއިން ތަންކޮޅެއް ހަދައިގެން އެގެއަށް ދިރިއުޅުން ބަދަލުކުރަން،" ގއ. މާމެންދޫ، ދޯދި، ޝިފާއު ތައުފީގު އޭނާގެ ދިރިއުޅުމުގެ ހާލަތު "ސަން"އާ ހިއްސާ ކުރިއެވެ.

ޝިފާއު ބުނީ މާމެންދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން ކިތަންމެ ފަހަރަކު އެ މައްސަލަ ސަރުކާރަށް ހުށަހެޅި ނަމަވެސް އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

ގއ. މާމެންދޫ ރަށްގިރާ ސަރަހައްދު --- ފޮޓޯ/ މާމެންދޫ ކައުންސިލް

ރަށް ގިރުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފެން ލޮނުވުން ކަމަށް އޭނާ ބުންޏެވެ. އަދި އުދަ އަރާ ކޮންމެ ފަހަރަކު އެ ސަރައްހައްދުގައި ހުންނަ ހުރިހާ ގެތަކަކަށް ބޮޑެތި ގެއްލުންތައްވުމަކީ ވެސް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

"ވަރަށް ބޮޑަށް ހިތާމަ ކުރަން. އަސްލު މީގެން މި އިނގެނީ ރައްޔިތުންގެ ބަސް ސަރުކާރުން އަޑު ނާހާ ކަން. ބޮޑެތި ހޭދަތައް ކޮށްގެން ދިރިއުޅޭނެ ތަނެއް ހަދައި އެތަނުގައި ނޫޅެވި މިއަދު އެހެން ތާކަށް ބަދަލުވާން މި ޖެހެނީ،" ޝިފާއު ބުންޏެވެ.

މާމެންދޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިތާ ހަ އަހަރުވެފައިވީނަމަވެސް އެ މަސައްކަތް ނިމިފައިނުވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

"ނަރުދަމާ އެޅުމަށް ހަ އަހަރު ހޭދަވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ މަސައްކަތުގައި ވެސް އެމަސައްކަތްތައް ރެގިއުލޭޓްކޮށް ބަލާނެ ފަރާތެއް ނުހުރޭ. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް،" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މައްސަލަ ހައްލު ކުރުމަށް އެތަކެއް ފަހަރަކު ސަރުކާރުގައި އެދުނު!

ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާމެންދޫ ރަށް ގިރުމުގެ މައްސަލަ، ސަރުކާރުން މަސްއޫލިއްޔަތު އަދާ ނުކުރޭ --- ފޮޓޯ/ މާމެންދޫ ކައުންސިލް

"ނިމިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި، އޭރުގެ އެންވަރަމެންޓް މިނިސްޓަރު އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދު އެމަނިކުފާނަށް ކައުންސިލުން ވަނީ ދައްކާފައި. އެ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން އުންމީދީ މަސައްކަތްތަކެއް ކުރައްވާ ކަމަށް އެ ދުވަހު ވިދާޅުވި. އެކަމަކު އަދިވެސް އަމަލީ ސިފައެއް ނާދެ އެކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާމެންދޫގެ ކައުންސިލުން އެ ރަށު ގިރާ ސަރަހއްދުގައި ބޭއްވި ބައްދަލުވުން --- ފޮޓޯ/ މާމެންދޫ ކައުންސިލް

ކައުންސިލްގެ ރައީސް ވިދާޅުވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި މެންބަރުގެ ފަރާތުން ވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ޔައުގޫބު ފޯނު ނުނަންގަވާތީ މިކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޕްލޭނިންގް މިނިސްޓްރީން މި މައްސަލައާ މެދު މައުލޫމާތު ދޭން ބޭނުމެއް ނުވޭ!

މި މައްސަލާގައި އެންމެ ފުރަތަމަ އެންވަޔަރަމެންޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިޙްއަށް ގުޅުމުން ވިދާޅުވީ އެފަދަ މައްސަލަތަކުގައި މިހާރު ޢަމަލީ މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީ އިން ކަމަށެވެ. އަދި އެންވަރަމެންޓް މިނިސްޓްރީގެ މަސައްކަތަކީ އެފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި، ހައްލު ކުރުމަށް ލަފާ ދިނުން ކަމުގައި އަލީ ސާލިޙް ވިދާޅުވިއެވެ.

ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ވަރަށް ގިނަ ރަށްރަށުން ހުށަހަޅާ ކަމަށާއި، ވަކި ރަށެއްގެ ރަށް ގިރުމުގެ މައްސަލައިގައި ސުވާލުކުރުމުން އެކަމަށް ޖަވާބުދޭން ބޭނުން ނުވާ ކަމަށެވެ.

އަދި މިފަދަ މައްސަލަ ތަކުގައި ޕްލޭނިން މިނިސްޓްރީ އިން ޢަމަލު ކުރަމުންދާ ގޮތްތަކާ މެދު ސުވާލު ކުރުމުންވެސް ޖަވާބުދޭން އޭނާ ބޭނުމެއް ނުވިއެވެ.

މާމެންދުއަށް ރަށް ގިރުމުގެ މައްސަލަ ދިމާވާން ފެށީ 2015 ވަނަ އަހަރުއެވެ. އޭގެފަހުން ރަށް ގިރުމުގެ މައްސަލަ ބޮޑަށް ދިމާވާން ފެށީ ކޫއްޑޫގެ ބިން ހިއްކުމުގެ މަސައްކަތަށްފަހުއެވެ. މިއަދާހަމައަށް އެސަރަހައްދުން 300 އެއްހާ ފޫޓް ވަނީ ގިރައިފައެވެ.

comment ކޮމެންޓް