އިންސްޓަގްރާމުން ކެންޑިޑް ސްޓޯރީޒް ފީޗާ ތައާރަފުކުރަނީ

އިންސްޓަގްރާމުން ކެންޑިޑް ސްޓޯރީޒް ފީޗާ --

މި ދުވަސްވަރު ޒުވާނުންގެ މެދުގައި މަގުބޫލުވެފައިވާ "ބީރިއަލް" އެޕްލިކޭޝަންއަކީ ފިލްޓާއަކާ ނުލައި، އެމީހަކު އެ ވަގުތު ހުރި ގޮތަކަށް، ހުރި ތަނަކުން ދަންނަ މީހުންނާ ފޮޓޯ ހިއްސާ ކުރާ އެޕެކެވެ. އެ އެޕް ވެފައި ވަނީ އިންސްޓަގްރާމްގެ ވަރުގަދަ ވާދަވެރިއަކަށެވެ. އެހެންކަމުން، ބީރިއަލްއަށް ދޫނުުދިނުމުގެ ގޮތުން އިންސްޓަގްރާމުން ވެސް ވަނީ އެ އެޕާ އެއް ވައްތަރުގެ ފީޗާތަކެއް ތައާރަފު ކުރަން ފަށާފައެވެ.

އިންސްޓަގްރާމުން ތައާރަފު ކޮށްފައި ވަނީ ބީރިއަލްގެ ސްޓޯރީ ފީޗާއާ އެއްގޮތް އާ ފީޗާއެއް ކަމަށްވާ "ކެންޑިޑް ސްޓޯރީޒް"އެވެ.

އިންސްޓަގްރާމްގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އެ ފީޗާ ޓެސްޓް ކުރުމުގެ މަސައްކަތް ފަށާނީ ދެކުނު އެފްރިކާގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނެރުނު ބީރިއަލް ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި މަގުބޫލުވީ މި އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ މަގުސަދަކީ، އާންމުކޮށް ގިނަ ބަދަލުތަކެއް ގެނެސްގެން ފޮޓޯތައް ހިއްސާ ކުރާ އެޕްތަކާ ތަފާތު އެޕެއް އުފެއްދުން ކަމަށެވެ.

އިންސްޓަގްރާމްގެ އާ ފީޗާއަކީ ފޯނުގެ ކުރިމަތީގައި ހުންނަ ކެމެރާއާއި ފަހަތުގައި ހުންނަ ކެމެރާއިން އެއް ފަހަރާ ފޮޓޯ ނެގޭ ފީޗާއެކެވެ. އެ ފީޗާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ޕޯސްޓް ކުރެވޭނީ އެއް ފޮޓޯއެވެ. އަދި އެމީހެއްގެ އެކުވެރިންގެ 'ކެންޑިޑް' ފޮޓޯތައް ފެންނާނީ އަމިއްލައަށް އެ ދުވަހުގެ ފޮޓޯ އަޕްލޯޑް ކުރުމުންނެވެ.

މެޓާގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުން ވެސް ވަނީ ބީރިއަލްއާ އެއްގޮތް ފީޗާތަކެއް ތައާރަފު ކުރަން ނިންމާފައެވެ. އެގޮތުން ފޭސްބުކުން ވަނީ ދާދި ފަހުން "ކެންޑިޑް ޗެލެންޖެސް" ފީޗާއެއް ބައެއް މީހުންނަށް ފާހަގަކުރެވިފައިވާ އިރު އެ ކުންފުނިން ބުނީ އެއީ ކުންފުނިން ޓެސްޓު ކުރާ ޕްރޮޓޯޓައިޕެއް ކަމަށެވެ.

އިންސްޓަގްރާމުގެ އެންމެ ފަހުގެ އަޕްޑޭޓާއެކު އެހެން ފީޗާތައް ވެސް ދަނީ ޓެސްޓް ކުރަމުންނެވެ. އެގޮތުން ތައާރަފު ކުރި "ނޯޓްސް" ފީޗާގެ އެހީގައި، އިންސްޓަގްރާމް އިންބޮކްސް މެދުވެރިކޮށް 60 ބަހުގެ ސްޓޭޓަސްއެއް އެ މީހެއްގެ ފޮލޯވަރުންނަށް ނުވަތަ 'ކްލޯޒް ފްރެންޑްސް' ލިސްޓަށް ފޮނުވޭނެއެވެ.

އިންސްޓަގްރާމުން އަންނަނީ އެ ޕްލެޓްފޯމްގައި ކުދި ގުރޫޕްތައް ހަދަން ފުރުސަތުދޭ ފީޗާއެއް ވެސް ޓެސްޓު ކުރަމުންނެވެ. އަދި އެއް ތަނެއްގައި ގިނަ ބަޔަކަށް ޕޯސްޓްތައް ޝެއާ ކުރެވޭ ގޮތަށް "ކޮލަބަރޭޓިވް ކަލެކްޝަންސް" ވެސް އެ ޕްލެޓްފޯމުން ޓެސްޓު ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު