ރެފްރީ ލަހޯޒަށް ދެން ވޯލްޑް ކަޕުގައި ރެފްރީކަން ނުކުރެވިދާނެ

މަޓިއު ލަހޯޒް އެ މެޗުގައި ރެފުރީކަން ކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖެސް

މިއަހަރުގެ ވޯލްޑް ކަޕް ވަރަށް ވެސް ފޯރިގަދައެވެ. މި ފޯރީގެ މައްޗަށް އެންމެ ބޮޑު ފޯރިއެއް އައީ އާޖެންޓީނާ އާއި ނެދަލޭންޑްސް ވާދަކުރި މެޗުގައެވެ. އެ މެޗު ބޮޑަށް ފޯރިގަދަވީ އެ މެޗުގައި ރެފުރީކަން ކުރި މަޓިއު ލަހޯޒްގެ ސަބަބުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ލިބުނު ޝަކުވާ ތަކާއި އެކު އޭނާގެ މައްސަލަ ފީފާ އިން ބަލަމުންދާކަން ބޭރުގެ ނޫސް ތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ނަތީޖާއެއްގެ މޮތުން މުބާރާތުގައި ކުރިއަށް ހުރި އެއްވެސް މެޗުގައި އޭނާއަށް ރެފްރީކަން ނުކުރެވޭނެއެވެ. ލަހޯޒްގެ އިތުރުން ދެން ކުއާޓާ ފައިނަލުގައި ރެފްރީކަން ކުރި ތިން ރެފްރީންގެ ތެރެއިން ދެ ރެފްރީއަކަށް ކުރިއަށް ހުރި މެޗުތަކުން ފުރުސަތު ނުދޭން ފީފާއިން ނިންމާފައިވެއެވެ.

ދެ ޓީމުގެ ފަރާތުންވެސް ބޮޑެތި ޝަކުވާތަކެއް ނެދަލެންޑްސްއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ރެފްރީކަންކުރި ލަހޯޒްއާ ދެކޮޅަށް ހުށަހަޅާފައިވެއެވެ.

ލަހޯޒް ވަނީ ޕެނަލްޓީ ޖެހި ޝޫޓްއަޓުގައި ވެސް ނެދަލޭންޑްސްގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާފައެވެ. މެޗުގައި ކުޅުނު ކުޅުންތެރިންގެ އިތުރުން ބެންޗުގައި ތިބި ކުޅުންތެރިންނާއި ޓީމުތަކުގެ އޮފިޝަލުންނަށްވެސް އޭނާ އެމެޗުގައި ރީނދޫކާޑު ދެއްކިއެވެ.

އޭނާގެ މައްސަލައިގައި އެންމެ ބޮޑަށް ވާހަކަދެއްކި އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި ނެދަލޭންޑްސްގެ ކޯޗުގެ ފަރާތުންވެސް ރެފްރީގެ ގޯސް ނިންމުންތަކަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

އާޖެންޓީނާ އަދި ނެދަލޭންޑްސް ވާދަ ކުރި މެޗުގައި ދެ ލަނޑުގެ ލީޑެއްގައި އާޖެންޓީނާ އޮއްވައި ފަހަތުން އަރައި ނެދަލޭންޑްސް ދެ ގޯލް ޖަހައި އެއްވަރުކުރިއެވެ. އެންމެފަހު ސިކުންތުގައި ނެދަލޭންޑްސް އިން އެމީހުންގެ ދެވަނަ ގޯލު ޖެހި ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓުގައި އާޖެންޓީނާގެ ހުނަރުވެރި ކީޕަރު، އެމީ މާޓިނޭޒްގެ ދެ ސޭވުން އާޖެންޓީނާ ސެމީ ފައިނަލަށް ދިޔައީއެވެ.

ސެމީ ފައިނަލްގައި އާޖެންޓީނާ ކްރޮއޭޝިއާއާ ވާދަކުރަން ޖެހޭއިރު، ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަ ކުރާނީ ފްރާންސް އަދި މޮރޮކޯއެވެ. މޮރޮކޯ ސެމީ ފައިނަލަށް ދަތުރު ކުރީ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ފްރާންސް ސެމީ ފައިނަލަށް ދަތުރު ކުރީ އިނގިރޭސިވިލާތުގެ މައްޗަށް ހަނި ގޮތަކަށް މޮޅުވެގެންނެވެ.

comment ކޮމެންޓް