ޗައިނާގެ ޓެކްނޮލޮޖީގެ ކުރިއެރުން އެއްވެސް ބާރަކަށް ނުހުއްޓުވޭނެ: ޝީ

ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަނީ --- ފައިލްފޮޓޯ

ޗައިނާގެ ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ބޭރުގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ރައީސް ޝީ އެފަދައިން ވިދާޅުވީ، ޗައިނާގެ މުހިންމު ސެމިކޮންޑަކްޓާ އިންޑަސްޓްރީ ފަދަ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބުދަ ދުވަހު ބެއިޖިންގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާ ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި ޝީ ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް ވެސް ތަރައްގީގެ ހައްގުތަކެއް ލިބިގެންވާ ކަމަށާއި ޗައިނާގެ ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ކުރިއެރުމުގެ ދުވެލި އެއްވެސް ބާރަކަށް ނުހުއްޓުވޭނެ ކަމަށެވެ.

ޝީ ވިދާޅުވީ ޗައިނާއިން ކުރިއަށް ދާނީ "ވިން-ވިން އެޕްރޯޗެއް"ގައި ކަމަށެވެ.

ޝީ މިހެން ވިދާޅުވެފައި މިވަނީ ޗިޕް އުފައްދާ އެޑްވާންސްޑް އިކުއިޕްމަންޓްތައް ޗައިނާއަށް އެކްސްޕޯޓް ކުރުން، އެމެރިކާއެކޭ އެއްގޮތަށް ނެދަލޭންޑްސް އިން ދާދި ފަހުން ހުއްޓާލިފަހުންނެވެ.

ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާގެ ނަން ވިދާޅުނުވެ ޝީ ރޫޓާއަށް އިޝާރާތް ކުރައްވާ، ވަރަށް ސާފުކޮށް ވިދާޅުވީ ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ހުރަސްތައް އުފައްދައި، އިންޑަސްޓްރިއަލް އަދި ސަޕްލައި ޗެއިންތައް ކަނޑާލުމަކީ ހަމައެކަނި ބައިބައިވުމާއި ކުރިމަތިލުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ޝީގެ މި ވާހަކަތަކުން ފާހަގަކުރެވެނީ ސެމީކޮންޑަކްޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުގައި ޗައިނާގެ ގާބިލުކަން ހުއްޓުވަން މަސައްކަތް ކުރާ އެމެރިކާ އާއި ނެދަލެންޑްސް ފަދަ ހުޅަނގުގެ ބާރުތަކާ ދެމެދު ޓެކްނޮލޮޖީގެ ވާދަވެރިކަން އިތުރުވަމުންދާ ކަމެވެ.

ސެމީކޮންޑަކްޓާ އިކުއިޕްމަންޓް އުފައްދާ ކުންފުންޏެއް ކަމަށްވާ އޭއެސްއެމްއެލްއިން ޗައިނާއަށް އެންމެ ޒަމާނީ ޑީޕް އަލްޓްރާވައިލެޓް ލިތޮގްރަފީ ސިސްޓަމްތައް ފޮނުވުން ނެދަލޭންޑްސް ސަރުކާރުން މަނާކުރީ ޗައިނާގެ ޗިޕް އުފެއްދުމުގެ ގާބިލުކަމަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާގެ ޕްރެޝަރަށް ބޯލަނބައިގެންނެވެ.

އެމެރިކާއަށް ނިސްބަތްވާ ކުންފުނިތަކާއި، އެމެރިކާގެ ނުފޫޒު އޮންނަ ކުންފުނިތަކުން އުފައްދާ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުން މަނާކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އޭއައި، ކުއަންޓަމް ކޮމްޕިއުޓިން އަދި ހައިޕަސޮނިކް ހަތިޔާރު ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަށް މުހިއްމު ސެމީކޮންޑަކްޓަރުތަކުގައި ފުދުންތެރިކަން ހޯދުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.

ނެދަލޭންޑްސްއަކީ އޭއެސްއެމްއެލްގެ ބޮޑެތި އޮޕަރޭޝަންތަކާއި އެންއެކްސްޕީ ފަދަ ބައިނަލްއަގުވާމީ ޗިޕް ފާމްތައް ހިންގާ ގައުމެކެވެ.

ނަމަވެސް ޝީ ވަނީ ޗައިނާގެ ކުރިއެރުން ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ކުރާ މަސައްކަތްތަކުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ޑޮމެސްޓިކް ސެމިކޮންޑަކްޓާ ޗެމްޕިއަނުން ޕްރޮމޯޓްކުރާ "ލިޓްލް ޖަޔަންޓްސް" ޕްރޮގްރާމް ފަދަ ސިޔާސަތުތަކުގެ ތެރެއިން ދުނިޔޭގެ ޓެކް ލީޑަރަކަށް ވުމަށް ބެއިޖިންއިން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް އިތުރު ކުރައްވާނެ ކަމަށް ޝީ ވިދާޅުވިއެވެ.

"ޗައިނާގެ ޓެކްނޮލޮޖީގެ ކުރިއެރުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ ކަންކަން ފުއްދައިދިނުމުގެ އިތުރުން އިންސާނިއްޔަތަށް ރަނގަޅު މަންފާއެއް ހޯދައިދިނުން،" ޝީ ވިދާޅުވިއެވެ.

މި ވާހަކަތަކުން ދޭހަވަނީ ކުރިއަށް އޮތް އަހަރުތަކުގައި ޓްރާންސްފޯމޭޓިވް ޓެކްނޮލޮޖީތައް ހިންގުމުގެ މިންގަނޑުތަކާއި އުސޫލްތައް ކަނޑައެޅުމުގައި ޗައިނާއާއި ހުޅަނގާ ދެމެދު އުފެދިފައިވާ ބައިބައިވުންތައް އިތުރަށް ބޮޑުވާނެކަމެވެ.

comment ކޮމެންޓް