ނިޝާމާގެ ހަށިގަނޑު މާލެ ގެނެސް، ޕޯސްޓްމޯޓަމްއަށް ފޮނުވަން ތައްޔާރު ވަނީ

ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު -- ފޮޓޯ/ ފޭސްބުކް

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުޙައްމަދުގެ ހަށިގަނޑު މާލެ ގެނެސް، ޕޯސްޓްމޯޓަމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފަނުވަނީ ކޮން އިރަކު ކަމެއް އަދި ކޮން ގައުމަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ނުރުހޭކަމަށް އޭނާގެ ބައްޕަ ވަނީ މީގެ ކުރިން "ސަން"އަށް ބުނެފައެވެ.

"ބޭނުމެއް ނޫން ޕޯސްޓްމޯޓަމް ހަދަން މާލެ ގެނެސް އިންޑިއާއަށް ގެންދާކަށް. ކޯޓު މަރުހަލާއަަށް ދާން މިހާރު އެބަ ވާހަކަދެކެވޭ،" ނިޝާމާގެ ބައްޕަ ބުނެފައިވެއެވެ.

ނިޝާމާ، އޭނާގެ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ 14:15 ހާއިރެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ނިޝާމާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ދީފައެވެ.

ނިޝާމާ މަރާލި ކަމަށް ފައިސަލްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ. ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ކުޅުދުއްފުއްޓަށް ގޮސްފައެވެ. އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް، ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

"ސަން"އިން ނިޝާމާގެ އާއިލާގެ މެމްބަރަކަށް ގުޅާލުމުން ވެސް ބުނީ މަރާލި ކަމަށް ތުހުމަތު ކުރަނީ ފައިސަލްގެ މައްޗަށް ކަމަށެވެ.

ނިޝާމާ މަރާލީ ކީއްވެގެން ކަމެއް އަދި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް